ENGLISH
29 އޭޕްރީލު 2026
ސަލާމަތީ ބާރުތަކުގެ ޚާއްޞަ ހިމާޔަތް ލިބޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރަނީ
29 އޭޕްރީލު 2026
|
ނޫސްވެރިންތަކެއް
އެންމެ މަޤްބޫލު
އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް ލިބިދޭގޮތަށް ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދެއް އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފި އެވެ.
އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ ގަވާއިދުގެ ނަމުގައި ގެޒެޓުކޮށްފައިވާ މި ގަވާއިދުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން އެއްވުންތައް ކަވަރުކުރާ ނޫސްވެރިންނަށް އެންމެ ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް، ސަލާމަތީ ބާރުތަކުގެ ފަރާތުން ބޭނުންވާ ހިމާޔަތާއި އެއްބާރުލުން ކަށަވަރުކޮށްދިނުން މެވެ. މީގެ އިތުރުން އެއްވުންތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ އެންމެހައި މީޑިއާތަކަށް ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމާއި އެއްވެ އުޅުމާ ގުޅޭ މައުލޫމާތު ފެތުރުމަށްޓަކައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓްކުރުމުގެ އުސޫލުތައް ކަނޑައެޅުމަކީ ވެސް މި ގާނޫނުގެ މަގުސަދެކެވެ.
މި ގަވާއިދުގެ ދަށުން ރާއްޖޭގެ މީޑިއާތަކާއި ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތަކުގެ އިތުރުން ފްރީލާންސް ނޫސްވެރިން އެކްރެޑިޓްކުރެވޭނެ އެވެ.
މިގަވާއިދުގައި ބަޔާންކުރާ ގޮތުން ދިވެހި މީޑިއާތައް ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެވެނީ އެއް އަހަރު ދުވަހަށެވެ. އަދި ބައިނަލްއަގުވާމީ މީޑިއާ ތަމްސީލުކުރާ ފަރާތްތައް އެކްރެޑިޓްކޮށްދެނީ ތިން މަސް ދުވަހަށެވެ. ފްރީލާންސްކޮށް މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ ހަ މަސްދުވަހަށެވެ.
އެކްރެޑިޓްކުރެވިފައިވާ ނޫސްވެރިންނަށް ލިބިދޭ އިމްތިޔާޒުތައްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން ސަލާމަތީ ބާރުތަކުގެ ހާއްސަ ހިމާޔަތް ލިބިގެންދިޔުމާއި، ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ދެވޭ "އެކްސެސް"އާއި ސަލާމަތީ ބާރުތަކުން މައުލޫމާތު ހޯދުމުގައި ލުއިފަސޭހަތަކެއް ލިބުން ހިމެނެ އެވެ.
މި ގަވާއިދުގެ ދަށުން އެކްރެޑިޓްކުރެވޭ ނޫސްވެރިންނަށް މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމުގައި ފަސޭހަވާނެކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން މައުލޫމާތު ދެއެވެ.