ENGLISH

29 އޭޕްރީލު 2026

Advertisement

ބޯކޮށް ވާރޭވެހޭނެކަމުގައި ލަފާކޮށް ބ.އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުދު ސަމާލު ނެރެފި

29 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ބޯކޮށް ވިއްސާރަވެ ކަނޑުގަދަ ދުވަހެއް، ފޮޓޯ: ދަ މިރާ

ބޯކޮށް ވިއްސާރަވާނެ ކަމުގައި ލަފާކުރެވޭތީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 10:00 އަށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާ ބެހޭ ގައުމީ އިދާރާއިން މީސްމީޑިޔާ މަންސަތަކުގައި މިއަދު އިއުލާނުކުރި ގޮތުގައި ފަތިހު 5:00 އިން ފެށިގެން ބ.އަތޮޅާއި އައްޑޫ އަތޮޅާ ދެމެދުގައި އޮތް 15 އަތޮޅަށް ބޯކޮށް ވާރޭވެހޭނެއެވެ. އޭގެ އިތުރަށް އެ ސަރަހައްދުތަކަށް ގުގުރާނެ ކަމުގައި ލަފާކުރެވެއެވެ. 

ގުގުރުމާއި ވިއްސާރަވުމުގެ އިތުރަށް އެ އަތޮޅުތަކަށް އެ ވަގުތުތަކުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމުގައި އެ އިދާރާއިން ލަފާކުރެއެވެ. 

މި މަހުގެ 27 ވަނަ ދުވަހު އެ އިދާރާއިން ބުނެފައިވަނީ އެ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އުތުރުގެ ރަށްރަށަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ބައެއް ހިސާބުތަކަށް ވިއްސާރަ ކުރި ނަމަވެސް، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ދުވަސްތަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު