ENGLISH

28 އޭޕްރީލު 2026

Advertisement

ޒިންމާދާރު ނޫސްވެރިކަމަކީ ރައްދުވާ ފަރާތުގެ ޙައްޤެއްވާކަން ދަނެގެން ނޫސްވެރިކަން ކުރުން: ވަޒީރު ސަޢީދު

28 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސައީދު-- ފޮޓޯ: ޕީއެސްއެމް

ޒިންމާދާރު ނޫސްވެރިކަމަކީ ޚަބަރުތައް ގެނެސްދޭ ފަރާތުގެ ހައްގެއްވާ ފަދައިން، ރައްދުވާފަރާތުގެ ހައްގެއްވާކަން ދަނެ، ކުރަމުން އަންނަ ނޫސްވެރިކަންކަމަށް، އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ނޫސްވެރިކަމުގެ މިނިވަންކަން ދެވިފައިވާކަމަށެވެ.

ނޫސްވެރިކަން ކުރާ ފަރާތްތަކުން އެމީހަކު ބޭނުންވާ ވާހަކައެއް، ނުވަތަ އެމީހަކު ބޭނުންވާ އެއްޗެއް ލިޔުމުގެ މިނިވަންކަން އޮންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި މިނިވަންކަން ދިނުމުގެ ސަބަބުން ލިޔާ މީހެއްގެ ނުވަތަ ނޫހެއްގެ ހައްގެއް އޮންނަ ފަދައިން، އެވާހަކަ ރައްދުވާ ފަރާތްތަކުގެ ހައްގެއް އޮންނަންވާނެކަން ދަންނަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ސައީދު ވަނީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަމާޒުކޮށްގެން އަދަދު ނޫހުން ފަތުރަމުން އަންނަ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. ރާއްޖޭގެ ނޫސްވެރިން މިދަފަ ދަށު ދަރަޖައަކަށް ވެއްޓެން ޖެހޭނެ ކަމަށް ވަޒީރު ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހީންނަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްކަން ހަދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، އަޅުގަނޑުމެން ވާންވީ އިޚްތިރާމްކޮށްގެން، އެހެން މީހުންގެ އިޚްތިރާމް ހޯދާ ބަޔަކަށް ކަމަށެވެ.

ސައީދު އިތުރަށް ފާހަގަ ކުރެއްވީ، މުޖުތަމައުގެ ތެރޭގައި ތަފާތު އެކި ދާއިރާތަކުން މައްސަލަ ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މައްސަލައެއް ދިމާވުމުން އެކަމަށް އެޑްރެސްކޮށް ވާހަކަ ދައްކައިގެން އެމައްސަލަ ހައްލު ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

އަދަދު ނޫހުގެ ޑޮކިއުމެންޓްރީގެ ތަހްޤީގު ފުލުހުން މިހާރު ވަނީ ފަށައިފައެވެ. އެ ޑޮކިއުމެންޓްރީއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު