ENGLISH
28 އޭޕްރީލު 2026
ޝާހިދަށް މީސަމްގެ ރައްދު: އުޅެނީ ސިޔާސީ މަންފާއެއް ހާސިލުކޮށް ސަރުކާރު ވައްޓާލަން
28 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ތަކުރާރުކޮށް ދޮގު އިލްޒާމު އަޅުވައިގެން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުން ދަނީ ސަރުކާރު ވައްޓާލަން ކަމަށް ވިދާޅުވެ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޕްރެޒެންޓަރު މީސަމް މުސްތަފާ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދަށް ރައްދު ދެއްވައިފި އެވެ.
"އަދަދު" ނޫހުން މިދިޔަ މާޗު މަހު ގެނައި ޑޮކިއުމެންޓްރީ އާ ގުޅިގެން އެ ނޫސް ހިންގާ އޮފީސް އިމާރާތް ބަލައި ފާސް ކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުން ނެވެ.
މިކަމާ ގުޅިގެން ޝާހިދު ވަނީ ފުލުހުންގެ އެ އަމަލު ކުށްވެރިކުރައްވައި އެއީ މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ޝާހިދުގެ މި ވާހަކަތަކަށް ރައްދުދެއްވައި މީސަމް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ވަކި މަޤްޞަދެއް ހާސިލުކުރުމަށް ފަތުރާ ދޮގު ޕްރޮޕެގެންޑާއާ ދެމެދު ވަރަށް ބޮޑު ތަފާތެއް އޮންނާނެ ކަމަށެވެ. އަދި 'އަދަދު" ނޫހަކީ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބަދަލުގައި، މުސްލިމް މުޖުތަމަޢެއްގެ ގޮތުގައި ޤަބޫލުކުރާ ރިވެތި އުޞޫލުތަކާއި އަގުތަކާ ޚިލާފަށް މަސައްކަތްކުރާ މީޑިއާއެއްކަމަށް މީސަމް ވިދާޅުވި އެވެ.
"އެ ނޫހުން (އަދަދު ނޫހުން) ފަތުރަމުންދާ ޚަބަރުތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް، ކަނޑައެޅިގެން ހުރި ބޮޑެތި ދޮގުތަކެކެވެ. އަދި އެއީ ހަމައެކަނި މީހުންގެ އަބުރު ކުުރުކުރުމުގެ މަޤްޞަދުގައި ހިންގާ އަމަލުތަކެކެވެ. މި ހުރިހާ ކަމެއްގެވެސް ހަމައެކަނި ބޭނުމަކީ ސަރުކާރު ވައްޓާލުމެވެ.،" ޝާހިދަށް ރައްދު ދެއްވައި މީސަމް ވިދާޅުވެފައި ވެއެވެ.
އިއްޔެ ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ނޫހުން ނެރުނު ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތުކޮށްފައިވާ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަތައް ފެތުރި ފަރާތްތަކާ ދެކޮޅަށް ދަޢުވާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.