ENGLISH

10 އޭޕްރީލު 2025

Advertisement

އަނިޔާގެ ސަބަބުން ޔަމާލް އަށް މި އަހަރު ދެން ނުކުޅެވޭނެ

17 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ގޯލްޑަން ބޯއީ އެވޯޑާއެކު ޔަމާލް ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ރޮއިޓާސް

ބާސެލޯނާގެ ލަމީން ޔަމާލް އަށް ލިބުނު އަނިޔާގެ ސަބަބުން ހަތަރު ހަފްތާއެއްހާ މުއްދަތަށް ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އުމުރުން 17 އަހަރުގެ ޔަމާލްގެ ފައިގެ ކުޑަހުޅަށް އަނިޔާވީ، މި ހަފްތާގައި އަމިއްލަ ދަނޑުގައި ލެގަނޭސް އަތުން ބާސެލޯނާ ބަލިވި މެޗުގައެވެ.

ބާސެލޯނާ އިން ބުނީ، އެންމެ ފަހުން ހެދި ޓެސްޓުތަކަށްފަހު ޔަމާލްގެ ފައިގެ ކުޑަހުޅުގެ ލިގަމެންޓަށް ގްރޭޑް އެކެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށެވެ. މިއާއެކު، ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު ހަފްތާއެއްހާ މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަންޖެހޭނެ ކަމަށް ވެސް ބާސެލޯނާ އިން ބުނެފައިވެއެވެ.

މީގެކުރިން، މިދިޔަ މަހުގެ ތެރޭގައި ވެސް ޔަމާލްގެ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބާސެލޯނާގެ ތިން މެޗެއް ވަނީ ގެއްލިފައެވެ.

ޔަމާލް އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ބާސެލޯނާ ދެން އެންމެ އަވަހަށް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެން އޮތް މެޗުގެ އިތުރުން، އެ ޓީމަށް ކޮޕާ ޑެލް ރޭގައި ބާބަސްޓްރޯ އާ އެކު ކުޅުމަށް ހަމަޖެހިފައިވާ މެޗާއި، އަންނަ ޖަނަވަރީ މަހުގެ ކުރީކޮޅަށް ތާވަލްކޮށްފައިވާ ސްޕެނިޝް ސުޕަ ކަޕްގައި ކުޅޭ މެޗު ވެސް ގެއްލުމުގެ ފުރުޞަތު އެބައޮތެވެ.

ލީގުގައި ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުން ބަލިވުމާ އެކު އެ ޓީމަށް ތާވަލްގެ ކުރީގައި ދަމަހައްޓަމުން އަންނަ މަގާމު އޮތީ ނުރައްކަލުގެ ތެރޭގައެވެ.

ބާސެލޯނާ މިހާތަނަށް ކުޅުނު 18 މެޗުން 38 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް އެއްމެޗު މަދުން ކުޅެގެން މި އަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ބާސެލޯނާ އަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް 17 މެޗުން ލިބިފައިވަނީ 37 ޕޮއިންޓެވެ. އެ ޓީމަށް ވެސް ބާކީ އޮތް މެޗު ކާމިޔާބުކޮށްގެން ތާވަލުގައި ބާސެލޯނާ އަށް ވުރެ ކުރިއަށް ޖެހިލުމުގެ ފުރުޞަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު