ENGLISH
14 މޭ 2026
ހަނގުރާމައިގެ ތެރޭގައި މި އަންހެން ކުއްޖާގެ ކެއްކުމުން ޣައްޒާއަށް ގެނެސްދިނީ އުންމީދު
27 އޭޕްރީލު 2026
|
10 އަހަރުގެ ރެނާދް އައްޠައްލާހު ސޯޝަލް މީޑިއާގައި އޭނާގެ ކެއްކުން ދައްކާލަނީ
އެންމެ މަޤްބޫލު
ފަލަސްތީނުގައި ސިލްސިލާކޮށް އެތައް އަނިޔާވެރިކަމަކާއި ހަނގުރާމައެއް ކުރިއަށްދާއިރު، މި ކަންކަމުގެ ތެރެއިން އުމުރުން އެންމެ 10 އަހަރުގެ ރެނާދް އައްޠައްލާހް އަށް އުންމީދާއި، ހިތްވަރު ގެނުވައިދިނީ ކެއްކުމުންނެވެ.
ސޯޝަލް މީޑިއާ ނަމުން ނަމަ "ރެނާދް ފްރޮމް ގާޒާ" ވެގެންދިޔައީ ދުނިޔޭގެ އެންމެ ބޮޑު އެއް އިންސާނީ ކާރިސާގެ ތެރެއިން އެތައް މިލިއަން ބަޔަކަށް އިންސްޕިރޭޝަނަކަށެވެ. އޭނާ ވަނީ މި ބިރުވެރިކަމުގެ ތެރޭގައި އާއިލާއަށް ލިބޭ އެހީ ނުވަތަ ލިބުނު ކޮންމެ އެއްޗެއް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އޭނާ ވަނީ މި ބިރުވެރިކަމުގެ ތެރެއިންވެސް ހިނިތުންވުމާއެކު ކެމެރާ ކުރިމަތީ ހުއްޓިހުރެ، ސަގާފީ އެތައް ކާނާއެއް ތައްޔާރުކޮށްފައެވެ. އަދި ކޮންމެ ފަދަ ހާލަތެއްގައިވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ހޯދޭނެކަން ދުނިޔެއަށް ވަނީ ދައްކުވައިދީފައެވެ. ދާދީ އަވަހަށް ރެނާދްގެ ވީޑިއޯތަކަށް އަދި އެ ވީޑިއޯތަކުން ފެނިގެންދާ ކެތްތެރިކަމާއި ހިތްވަރަށް މުޅި ދުނިޔޭގެ ސަމާލުކަން އަމާޒުވެގެންދިޔައެވެ. އަދި އިންސްޓަގްރާމުން އޭނާއަށް އެތައް ހާސް ފޮލޯވަރުންނެއް ލިބިގެންދިޔައެވެ.
އެއް އިންޓަރވިއުއެއްގައި އޭނާ ވަނީ ސޯޝަލް މީޑިއާއިން އޭނާއަށް ލިބުނު ލޯތްބާއި ސަޕޯޓު ފާހަގަކޮށްފައެވެ. އޭނާ ބުނިގޮތުގައި ބައެއް ފަހަރު ފޮލޯވަރުންގެ ފަރާތުން ލިބޭ ކޮމެންޓުތައް ކިޔާލުމުން މި ދަތި ދަނޑިވަޅުގައި އޭނާއަށް ކުރިއަށްދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ. ރެނާދްގެ ވާހަކަ ވެގެންދިޔައީ އޭނާގެ ފަދައިން މިފަދަ ހާލަތްތަކުގައި އުޅެމުންދާ އެތައް ހާސް ކުދިންނަށަށް ލިބުނު ހިތްވަރަކަށެވެ.
ރެނާދްއަށް ދުނިޔޭގެ ސަމާލުކަން ލިބިގެންދިޔައީ ހަމައެކަނި އޭނާގެ ކެއްކުމަކުން ނޫނެވެ. އެހެންނަމަވެސް މި ވީޑިއޯތަކުން ދުނިޔެއަށް ދޫކޮށްލާ ވަރުގަދަ މެސެޖުންނެވެ. އޭނާގެ މި ވީޑިއޯތަކުން ކާނާއަކީ ހަމައެކަނި ދިރިހުރުމާ ގުޅިފައިވާ އެއްޗެއް ނޫން ކަމާއި އެއީ ސަގާފީ، އާއިލީ އަދި އުންމީދާ ގުޅިފައިވާ އެއްޗެއްކަމުގައި ބުނެދެއެވެ.
ހަނގުރާމައިގެ ބިރިވެރިކަމުގެ ތެރޭގައި ރެނާދް ފެށި ދަތުރުގައި މިހާރު އޭނާއަށް ވަނީ އެތައް ބައިވަރު ކުރިއެރުންތަކެއްވެސް ލިބިފައެވެ. މިގޮތުން މިއަދު އޭނާ ދަނީ ހިއުމަން ކޮންސާން އިންޓަރނޭޝަނަލްގެ ޔޫތު އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ދަށުން އޭނާ ދަނީ ހަނގުރާމައިގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށް ހިތްވަރުދީ މިކަންކަމާއިމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.
ހަނގުރާމައިގެ ބިރުވެރިކަމުން ސަލާމަތްވެ އޭނާ މިހާރު ދިރިއުޅެމުންދަނީ ނެދަލޭންޑްސްގައެވެ. އަދި އޭނާ ވަނީ މުޅިން އައު އަދި ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ އައު ބާއެއް ފަށާފައެވެ. އެހެންނަމަވެސް ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި ރެނާދް މުޅި ދުނިޔެއަށް ދައްކުވައިދިން ހިތްވަރު އެތައް ބައެއްގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ.