ENGLISH
17 އޭޕްރީލު 2025
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ލުކްމަން
17 ޑިސެމްބަރު 2024
|
އެފްރިކާގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ލުކްމަން (މ) އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ) އަދި ސީއޭއެފްގެ ރައީސް ޕެޓްރިސް މޮޓްސެޕޭ. --ފޮޓޯ: އީޕީއޭ
އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ސީއޭއެފް) އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެޓަލާންޓާގެ ނައިޖީރިއާ ފޯވާޑް، އަޑެމޯލާ ލުކްމަން އަށް ލިބިއްޖެއެވެ.
އުމުރުން 27 އަހަރުގެ ލުކްމަންއާ މި އެވޯޑަށް އެންމެ ގާތުން ވާދަކުރި، މޮރޮކޯގެ އަޝްރަފް ހަކީމީ އާއި ގިނީ ފޯވާޑް، ސެރްހޫ ގިރާސީގެ އިތުރުން އައިވަރީ ކޯސްޓްގެ ވިންގް، ސިމޯން އަޑިންގްރާ އަދި ދެކުނު އެފްރިކާގެ ގޯލްކީޕަރު، ރޮންވެން ވިލިއަމްސް އެވެ.
ނިމިދިޔަ ސީޒަނަކީ ލުކްމަންގެ ކެރިއަރުގެ އެންމެ ކާމިޔާބު އަހަރެވެ. އޭނާ ވަނީ އެޓަލާންޓާ އަށް ޔުއެފާ ޔުރޮޕާ ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް، ފައިނަލް މެޗުގައި ވެސް ހެޓްރިކް ހަދައިފައެވެ. އަދި، އޭނާގެ ގައުމު ނައިޖީރިއާ އާ އެކު އެންމެ ފަހުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލަށް ދަތުރުކުރިއެވެ.
ލަންޑަނަށް އުފަން، ލުކްމަން ވަނީ، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތައް ކަމަށްވާ، އެވަޓަން، ފުލަމް އަދި ލެސްޓާ ސިޓީ އަށް ކުޅެފައެވެ.
ލުކްމަން ވަނީ ނިމިދިޔަ ސީޒަނުގައި އެޓަލާންޓާގައި މޮޅު ކުޅުމެއްދައްކާ 17 ލަނޑު ޖަހައިފައެވެ. އަދި، މި ފަހަރުގެ ސީޒަނުގައި މިހާތަނަށް އައިއިރު އޭނާ ވަނީ 11 ލަނޑު ޖަހައިފައެވެ.
ލުކްމަން އަކީ މި އެވޯޑް ހާސިލްކުރި ނައިޖީރިއާގެ ހަތްވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ އަހަރުގެ އެވޯޑް ހޯދީވެސް ނައިޖީރިއާގެ ފޯވާޑް، ވިކްޓަ އޮސިމެން އެވެ.
މީގެކުރީން، މި އެވޯޑް ހާސިލްކޮށްފައިވާ ނައިޖީރިއާގެ ކުޅުންތެރިންގެ ތެރޭގައި؛ ންވަކްވޯ ކާނޫ، އެމަނުއެލް އަމުނީކޭ، ވިކްޓަ އިކްޕެބާ އަދި ރަޝީދީ ޔެކީނީ ހިމެނެއެވެ.