ENGLISH
26 އޭޕްރީލު 2026
އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓަށް ވަޒީރު ރާފިޢު ހިތްވަރުދެއްވައިފި
26 އޭޕްރީލު 2026
|
އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓާ ވަޒީރު ރާފިޢު ބައްދަލުކުރެއްވުން. ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި އެތުލީޓުންނާއި ކޯޗުންގެ އިތުރުން އޮފިޝަލުންނާއި ބައްދަލުކުރައްވާ، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ހިތްވަރުދެއްވައިފިއެވެ.
ވަޒީރު ރާފިޢު، ދިވެހި ކޮންޓިންޖެންޓާ ބައްދަލުކުރައްވާފައިވަނީ ރޭ އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.
އެތުލީޓުންނާއި އޮފިޝަލުންނާ މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވަނީ ޗައިނާގެ ސަންޔާގެ ހާއްސަކަން ފާހަގަކުރައްވައި، ކުޅިވަރު މުބާރާތްތަކުގައި އެގައުމެއްގެ ސަގާފަތާއި އާދަކާދަތައް ދަސްކޮށް، އެކަމުގެ ތަޖުރިބާ ކުރުންވެސް މުހިއްމުކަން ހަނދާންކޮށްދެއްވާފައެވެ.
ގައުމަށްޓަކައި ހިތްވަރު ދައްކައި، ހުރިހާ އެތުލީޓުން ކުރަމުންދާ މަސައްކަތް ކުރިއަށްގެންދިއުމަށް ރާފިޢު ގޮވާލާފައިވެއެވެ. އަދި މިހާތަނަށް އެތުލީޓުންގެ ފަރާތުން ފެންނަމުންދާ ހިތްވަރަށް ސަބާސް ދެއްވާ، ނަތީޖާތަކާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ދިވެހި ކޮންޓިންޖެންޓާ ވަޒީރު ރާފިޢު ބައްދަލުކުރެއްވުން. ފޮޓޯ: އެމްއޯސީ
މި ރަސްމިއްޔާތުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްގެ އިތުރުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދު އާއި މިފަހަރު ގޭމްސްގެ ޗެފް ޑި މިޝަން އަހުމަދު އައުޝަންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޯސީގެ ރައީސް ސައްތާރު ދެއްކެވި ވާހަކަފުޅުގައިވެސް އެތުލީޓުންނަށް ހިތްވަރު ދެއްވައި، މިހާރު ހޯދަމުންދާ ނަތީޖާ ފާހަގަކުރައްވާފައިވެއެވެ.
މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.