ENGLISH

25 އޭޕްރީލު 2026

Advertisement

އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ އަރީޝާއާއި އަނާލްގެ ޕެއާ އިން ސީރިއާގެ ޕެއާ ބަލިކޮށްފި

25 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ އަންހެން ބީޗް ވޮލީބޯޅަ ދެ ކުޅުންތެރިން ކަމަށްވާ، އަރީޝާ (ވ) އާއި އަނާލް. --ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އަންހެނުންގެ ބީޗް ވޮލީބޯޅަ އިވެންޓްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާ ރާއްޖޭގެ އައިމިނަތު އަރީޝާއާއި ފާތިމަތު އަނާލްގެ ޕެއާއިން ފަހުރުވެރި ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.

މިއީ މި ދެ ކުޅުންތެރިންގެ ޕެއާ އިން ވެސް ބައިނަލްއަގުވާމީ ގޭމްސްއެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި، މިއީ މި ފަހަރުގެ ގޭމްސްގައި އަރީޝާ އާއި އަނާލްގެ ޕެއާ އިން ކާމިޔާބުކުރި ފުރަތަމަ މެޗު ވެސް މެއެވެ.

ސަންޔާގައި ކުރިއަށްދިޔަ ބީޗް ވޮލީބޯޅަ އިވެންޓުގައި ރާއްޖޭގެ އަރީޝާ އާއި އަނާލްގެ ޕެއާ އިން ސީރިއާގެ މަގޭއާ އައްޝައިހް އަދި ލުއީޒާ މޫސާގެ ޕެއާ އަތުން މޮޅުވީ ސީދާ ދެ ސެޓުންނެވެ.

މިފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޕެއާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

މެޗުގެ ފުރަތަމަ ސެޓުގެ ފުރަތަމަ ޕޮއިންޓުން ފެށިގެންވެސް އަރީޝާ އާއި އަނާލްގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ރާއްޖޭގެ ޕެއާގެ ފަރާތުން ޔަގީންކަމާއެކު ކުޅުނުތަންވެސް ފެނިގެން ދިޔައެވެ. ފުރަތަމަ ސެޓުން 21-10 އިން އަރީޝާއާއި އަނާލްގެ ޕެއާ ކުރިހޯދިއިރު، ދެވަނަ ސެޓުގެ ކުރީކޮޅު ސީރިއާގެ ޕެއާ އިން ލީޑުކުރިނަމަވެސް ރާއްޖޭގެ ޕެއާ އިން މެޗު އަނބުރާލައި ކާމިޔާބުކުރީ 21-15 އިންނެވެ.

މިއަދު ކުރިއަށްދިޔަ ބީޗް ހޭންޑްބޯޅައިގެ އިތުރު މެޗުތަކަށް ބަލާއިރު، ރާއްޖޭގެ އަނެއް ޕެއާތަކުންވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ.

އެގޮތުން، މި އަހަރުގެ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ޕެއާއެއް ކަމަށްވާ، އަހުމަދު މުހައްމަދާއި އިބްރާހީމް ރާކިން ހަސަން ވަނީ ލާއޯސްގެ ބޯންމިޒޭ ޕޮއްމަޗަންއާއި ޗަންސަބާބް ޗަންތޮންގެޑެންއާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗުން ލާއޯސްގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 21-17 އާއި 21-16 އިންނެވެ.

ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ބީޗް ވޮލީބޯޅަ ޕެއާ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއޯސީ

ރާއްޖޭގެ އިސްމާއީލް ސާޖިދާއި އާދަމް ނަސީމްގެ ޕެއާއިން އުޒްބަކިސްތާނުގެ އަޒަމަތު ޑައުލްބައޭވާއި ޑިލްޝޮޑްބެކް ތޮލިބައޭވާ ދެކޮޅަށް ކުޅުނުއިރު، މި މެޗު އުޒްބަކިސްތާނުގެ ވަރުގަދަ ޕެއާއިން ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް އުޒްބެކިސްތާންގެ ޕެއާ ގެންދިޔައީ 21-18 އާއި 21-16 އިންނެވެ.

މީގެއިތުރުން، ރާއްޖޭގެ އަންހެން ޒުވާން ޕެއާ ކަމަށްވާ، މަރިޔަމް ރިޝްފާއާއި އައިޝަތު އިޝްފާއު އިއްސާގު ޕެއާއިންވެސް މިއަދު ވާދަކުރިއެވެ. މި ދެ ކުޅުންތެރިންގެ ޕެއާ އިން ބަންގްލަދޭޝްގެ ސަބީނާ ހާތޫނާއި ތަކްފިޔާ އަކްތަރާ ދެކޮޅަށް ކުޅެ ދެ ސެޓުން ބަލިވި ނަމަވެސް، މި ސެޓުތައް ދިޔައީ 21-15 އަދި 21-19 އިންނެވެ.

މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.

ކިޔުންތެރިންގެ ހިޔާލު