ENGLISH

10 އޭޕްރީލު 2025

Advertisement

ސައުތު އޭޝިއަން ގޭމްސް އަނެއްކާވެސް ފަސްކޮށްފި

17 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރި އެތުލެޓިކްސް ކުޅުންތެރިން މެޑަލް އާއެކު. --ފޮޓޯ: އެމްއޯސީ / މުޙައްމަދު ޝާބިން

ސާދަ ވަނަ ސައުތު އޭޝިއަން ގޭމްސް އަނެއްކާވެސް ފަސްކުރަން ޖެހި، އަންނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ޕާކިސްތާން އޮލިމްޕިކް އެސޯސިއޭޝަން (ޕީއޯއޭ) އިން ނިންމައިފިއެވެ.

މި މުބާރާތަކީ 2023 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ތާރީޚު ބަދަލުކުރަން ޖެހުނު އިރު، މިހާތަނަށް ވެސް ބޭއްވޭނެ ވަކި ތާރީޚެއް ކަނޑައެޅިފައެއް ނުވެއެވެ.

ޕާކިސްތާން އޮލިމްޕިކް ކޮމިޓީން އެންމެ ފުރަތަމަ މި މުބާރާތް ބޭއްވުމަށް ރާވާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އަދި އެ ގޮތަށް ބަޖެޓް ވެސް އެކުލަވާލާފައިވެއެވެ.

އެހެންނަމަވެސް، މައްސަލަތައް ދިމާވީ މުބާރާތް ބޭއްވުމަށް ހިނގާނެ ކަމަށް އަންދާޒާކުރެވުނު ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރުގެ ބަޖެޓާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

އެކަމަކު، ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ، އެންމެ ފަހުން ބޭއްވި ޕީއޯއޭގެ ކޮމިޓީގެ ބައްދަލުވުމަކަށްފަހު އަންނަ އަހަރުގެ އޮކްޓޫބަރު މަހު ބާއްވާ އެ ޤައުމުގެ ނޭޝަނަލް ގޭމްސް އަށް ފަހު ޖެހިގެން އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ސައުތު އޭޝިއަން ގޭމްސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންޑޫ އާއި ޕޮކަރާގައި ބާއްވާފައިވާއިރު، މީގެ ކުރިން ޕާކިސްތާނުގައި މި ގޭމްސް ބާއްވާފައި ވަނީ 1989 އަދި 2004 ގައެވެ.

މި ގޭމްސްގެ ތާރީޚަށް ބަލާއިރު ގަވާއިދުން މުބާރާތް ބޭއްވުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބަޖެޓާ ގުޅޭ މައްސަލަތަކާއި، ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން އިންތިޒާމީ ގޮތުން ކުރިމަތިވާ ދަތިތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު