ENGLISH

24 އޭޕްރީލު 2026

Advertisement

އޭޝިއަން ބީޗް ގޭމްސް: ރާއްޖޭގެ ސާއިދާއި ޝަބާ އަށް ރަނގަޅު ފެށުމެއް؛ އަހްނާގެ އަމިއްލަ ރެކޯޑެއް މުގުރާލައިފި

24 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

އޭޝިއަން ބީޗް ގޭމްސްގެ ފިރިހެނުންގެ ދުވުމުގެ އިވެންޓްގައި ރާއްޖޭގެ ސާއިދު ދުވަނީ. --ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ އެތުލެޓިކްސް އިވެންޓްގައި ރާއްޖޭގެ ހަސަން ސާއިދާއި އައިޝަތު ޝަބާ ސަލީމްގެ އިތުރުން އަހްނާ ނިޒާރު، އިންޑިވިޖުއަލް 60 މީޓަރު ދުވުމުގައި ވާދަކޮށް، ކުރިއެރުން ހޯދައިފިއެވެ.

ސަންޔާގެ ފިނިކްސް އައިލެންޑްގައި ކުރިއަށްދިޔަ ފިރިހެނުންގެ 60 މީޓަރުގެ ދުވުމުގެ އިވެންޓްގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ސާއިދު ވަނީ އެއްވަނަ ހީޓުގައި ވާދަކޮށް، ހަތަރުވަނަ ހޯދައިފައެވެ. އެއީ، 7.12 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މިއަދު ކުރިއަށްދިޔަ އަންހެނުންގެ 60 މީޓަރުގެ ދުވުމުގެ އިވެންޓްގެ ހީޓް އެކެއްގައި ވާދަކުރި ޝަބާ އަށް ރޭސް ނިންމާލެވުނީ ހަތްވަނައިގައެވެ. އެއީ، 8.19 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އެތުލެޓިކްސް އިވެންޓްގައި ރާއްޖޭން މިއަދު ދެން ވާދަކުރި އަހްނާ ވާދަކުރި ހީޓް ތިނަކުން ރޭސް ނިންމާލީ 7.81 ސިކުންތުންނެވެ. އެއީ އޭނާގެ ޕާސަނަލް ބެސްޓް ޓައިމިންގ އެކެވެ. މީގެކުރީން، އަހްނާ އެންމެ އަވަހަށް ރޭސް ނިންމާފައިވަނީ، ޗައިނާގެ ޓިއާންޖިންގައި މިއަހަރުގެ ފެބުރުއަރީ މަހު ކުރިއަށްދިޔަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްސްގައެވެ. އެ މުބާރާތުގެ 60 މީޓަރު އިވެންޓުގައި ވާދަކޮށް އަހްނާ ވަނީ 7.83 ސިކުންތުން ރޭސް ނިންމައިފައެވެ.

މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.

ކިޔުންތެރިންގެ ހިޔާލު