ENGLISH

11 އޭޕްރީލު 2025

Advertisement

ލާޒިއޯ އަތުން އިންޓަ އަށް ރެކޯޑް މޮޅެއް

17 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އިންޓަގެ ޑަމްފްރީސް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ލީގުގައި ރޭ ރަށުން ބޭރުގައި ލާޒިއޯ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޓަ މިލާން މޮޅުވެއްޖެއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ލާޒިއޯ ބަލިވި ދެވަނަ ފަހަރެވެ. އަދި މިއީ ލާޒިއޯގެ ދަނޑުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވި މެޗު ވެސް މެއެވެ. މީގެ އިތުރުން، މިއީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރަށުން ބޭރުގައި އިންޓަގެ އެންމެ ބޮޑު މޮޅެވެ.

މި ނަތީޖާއާ އެކު އިންޓަ އަދިވެސް އޮތީ ތިން ވަނައިގައެވެ. އެ ޓީމާ ތާވަލްގެ އެއްވަނައިގައި އުޅޭ އެޓަލާންޓާއާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެޓަލާންޓާ އަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނަޕޯލީ އެވެ. ތިންވަނައިގައި އިންޓަ އޮތީ އެއްމެޗު މަދުން ކުޅެގެން 34 ޕޮއިންޓާއެކު އެވެ.

މި މެޗުން ބަލިވި ލާޒިއޯ އޮތީ ފަސްވަނައިގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ.

އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޓަ އިން ޖެހި ހަ ލަނޑުގެ ތެރެއިން ދެގޯލް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަކަން ޗަޅަނޮގްލޫ އާއި ފެޑެރީކޯ ޑިމާކޯ އެވެ.

ފަހު ހާފުގައި އިންޓަގެ އަނެއް ހަތަރު ލަނޑު ޖަހައިދިނީ ނިކޮލޯ ބަރެއްލާ، ޑެންޒެލް ޑަމްފްރީސް އާއި ކާލޯސް އަގުސްޓޯ އަދި މާކަސް ތުރާމް އެވެ.

ކިޔުންތެރިންގެ ހިޔާލު