ENGLISH

23 އޭޕްރީލު 2026

Advertisement

އޭޝިއަން ބީޗް ގޭމްސް: މޮންގޯލިއާ އަތުން ރާއްޖެއަށް މޮޅެއް

23 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މޮންގޯލިއާ އަތުން މޮޅުވި މެޗަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އެމްއޯސީ

ޗައިނާގެ ސަންޔާގައި މިހާރު ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހޭންޑްބޯޅަ މުބާރާތުގައި ރާއްޖޭގެ ފިރިހެން ޤައުމީ ޓީމު މިއަދު ކުޅުނު މެޗުގައި މޮންގޯލިއާ އަތުން މޮޅުވެއްޖެއެވެ.

މިފަހަރުގެ ބީޗް ގޭމްސްގައި ފިރިހެނުންގެ ހޭންޑްބޯޅައިގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފައެވެ. މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ޖޯޑަން އަތުން ބަލިވީ ހަނި ނަތީޖާއަކުންނެވެ. އެއަށްފަހު މޮންގޯލިއާ އަތުން ވަނީ މޮޅުވެފައެވެ.

މިއަދު މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ވަނީ ތަފާތު ދައްކައިފައެވެ. ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް ދެވަނަ ސެޓު ކާމިޔާބުކޮށް، ޕެނަލްޓީގައި ރާއްޖެ މެޗު ކާމިޔާބުކުރިއެވެ.މި މެޗުން 2-1 އިން ރާއްޖޭން މޮޅުވިއިރު، ޕެނަލްޓީގައިވެސް ދިޔައީ ވާދަވެރިކޮށެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ބޮޑު ބައެއްގައި ލީޑު ކުރީ ރާއްޖޭންނެވެ. ފަށައިގެން 4-0 އިންވެސް ލީޑުގައި އޮތް އިރު، މި މެޗުގެ އަށްވަނަ މިނެޓާ ހަމައަށްވެސް ރާއްޖެ އޮތީ ލީޑުގައެވެ. އަށްވަނަ މިނެޓުގައި 11-10 އިން ރާއްޖެ ލީޑުގައި އޮތް ނަމަވެސް އެހިސާބުން މޮންގޯލިއާއިން ބަދަލެއް ގެނެސް، ސެޓު ގެންދިޔައީ 13-11 އިންނެވެ.

މޮންގޯލިއާ އާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: އެމްއޯސީ

ދެވަނަ ސެޓުގައި ރާއްޖޭން ފެނުނީ ތަފާތު ރޫހެއްގައެވެ. ފެށުނީއްސުރެ މެޗު ލީޑު ކުރަމުން ގޮސް، ސެޓު ގެންދިޔައީ 13-9 ގެ ނަތީޖާއަކުންނެވެ. އެއަށްފަހު، މެޗު ޕެނަލްޓީއަށް ގޮސް، ފުރަތަމަ ފަސް ޕެނަލްޓީ ނިމުނުއިރުވެސް އެއްވަރުވެފައި އޮތުމުން އިތުރަށް ޖެހި ޕެނަލްޓީގައި ރާއްޖެ މޮޅުވީ 8-6 އިންނެވެ. ޕެނަލްޓީގެ އިތުރުން މުޅި މެޗުގައިވެސް ރާއްޖޭގެ ކީޕަރު އަހުމީމް އަލީ ތަފާތު ދެއްކިއެވެ.

މި މެޗުގައި ރާއްޖޭގެ ޝިރާން އަބްދުﷲ 10 ގޯލް ޖެހި އިރު، ތަޖުރިބާކާރު ކުޅުންތެރިޔާ ފަތުހުﷲ އާދަމް އަށް ގޯލް ޖެހިއެވެ. އަދި ކެޕްޓަން މުހައްމަދު ޝަމްނޫޒް ނައީމާއި އަހުމަދު އަލީ، ކޮންމެ ކުޅުންތެރިޔަކު ހަ ގޯލް ޖެހިއެވެ.

މުބާރާތުގެ ބީޗް ހޭންޑްބޯޅައިގައި ރާއްޖެ ހިމެނުނު ގްރޫޕް ބީ ގައި ދެން އޮތީ ބަންގްލަދޭޝް، ޖޯޑަން، މޮންގޯލިއާގެ އިތުރުން އޮމާން، ޕާކިސްތާނާއި ތައިލެންޑް އަދި ގަތަރެވެ.

މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ.

ކިޔުންތެރިންގެ ހިޔާލު