ENGLISH
23 އޭޕްރީލު 2026
ބެންޓޫ ކޭޓާ: ސުލްހަ ގާއިމުކުރުމުގެ ފަހަތުގައި ހުރި ކެރޭ ކަނބަލެއް
23 އޭޕްރީލު 2026
|
ބެންޓޫ ކޭޓާ -- ފޮޓޯ: ޔުނައިޓެޑް ނޭޝަންސް ޕީސްކީޕިން
އެންމެ މަޤްބޫލު
ގިނަ ފަހަރަށް ބައިނަލްއަގުވާމީ ގުޅުންތައް ނުވަތަ ޑިޕްލޮމެސީގެ ދާއިރާއިން ހެޑްލައިންތައް ފުރާލަނީ ގައުމުތަކުގެ ރައީސުންފަދަ ބާރުގަދަ މީހުންނެވެ. މި ދާއިރާއިން ސްޕޮޓްލައިޓުގެ ފަހަތުގައި ގިނަ ބަޔަކު މަސައްކަތްކުރަމުންދާއިރު، އެމީހުން އެކުރާ މަސައްކަތްތަކަކީ ކޮބައިކަން ގިނަ ފަހަރު އާންމުންނަކަށް ނޭނގެއެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ޝަހުސިއްޔަތަކީ ބެންޓޫ ކޭޓާ އެވެ.
ކޭޓާ ވަނީ އޭނާގެ ހަޔާތުން 36 އަހަރު އދ. ގެ ޕީސްކީޕަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މި މަސައްކަތް އޭނާ ދެކޭ ގޮތް ވަރަށްވެސް ތަފާތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ކޮންފަރެންސް ރޫމްތަކުން ސުލްހަ ގާއިމްކުރުމުގެ މަސައްކަތް ކުރުމުގައި ބަދަލުގައި އެކަން ފެށޭނީ މީހުންގެ ކިބައިންނެވެ.
އދ. ގައި ކޭޓާ ކުރި މަސައްކަތުގައި 36 އަހަރަށްވުރެ ގިނަ ދުވަހު ހަނގުރާމައިގެ ނުރައްކަލާއި، ސިޔާސީ ހަމަނުޖެހުން އަދި އިންސާނީ ކާރިސާތައް ދިމާވެފައިވާ އެތައް ސަރަހައްދެއްގައި އޭނާ މަސައްކަތްކޮށްފައިވާއިރު، ގިނަ ފަހަރު އާންމުންނަށްވެސް މިކަމުގެ ގެއްލުންތައް ލިބެއެވެ. މިގޮތަށް އެތައް ގޮންޖެހުމަކާ އޭނާއަށް ކުރިމަތިލާންޖެހުނު ނަމަވެސް އޭނާގެ އަމާޒަކީ ސުލްހަ ގާއިމްކުރުމަށް މަސައްކަތްކުރުމެވެ. އަދި އާންމުންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރުކޮށްދިނުމެވެ.
ޑިޕްލޮމެސީގެ އެންމެ އާންމު ޓެކްނީކްތަކާ ޚިލާފަށް ކޭޓާގެ މަސައްކަތް އެންމެ ބޮޑަށް ބިނާވެފައިވަނީ އެ ސަރަހައްދުތަކުގައި އުޅޭ ލީޑަރުންނާއި، ހަމަނުޖެހުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފައިވާ މީހުންގެ ވާހަކަތައް އަޑުއެހުމެވެ. ހަގީގަތުގައިވެސް މިފަދަ ހާލަތެއްގައި ތިބޭ މީހުން އެންމެ ބޭނުންވާނެ އެއް ކަމަކީ އެމީހުންގެ ވާހަކަތައް ދުނިޔެއަށް އިއްވައިދިނުމެވެ.
ކޭޓާގެ މަސައްކަތް މިގޮތަށް ބައްޓަންވެފައިވާއިރު، އޭނާގެ ލީޑަރޝިޕް މަސައްކަތް އެންމެ ބޮޑަށް ފެނިގެންދިޔައީ އދ. އިން ރިޕަބްލިކް އޮފް ކޮންގޯގައި ކުރިއަށްގެންދިޔަ ޕީސްކީޕިން މިޝަންގެ ތެރެއިންނެވެ. މިއީ އދ. އިން މިހާތަނަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު އެއް އޮޕަރޭޝަނަށް ވާއިރު، ކޭޓާ ވަނީ މިކަމަށް އެކުލަވާލި މިޝަން ކަމަށްވާ ޔުނައިޓެޑް ނޭޝަންސް އޯގަނައިޒޭޝަން ސްޓެބިލައިޒޭޝަން މިޝަން އިން ދަ ރިޕަބްލިކް އޮފް ކޮންގޯގެ ހެޑުގެ ރޯލު އަދާކޮށްފައެވެ. ޒަމާންތަކެއް ވަންދެން ކުރިއަށްގޮސްފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ކޮންގޯގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމާއި، އާންމުން ރައްކާތެރި ކުރުމަކީ އޭނާއަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.
އެހެންނަމަވެސް މިފަދަ ގޮންޖެހުން ބޮޑު މާހައުލެއްގައިވެސް ކޭޓާގެ އަމާޒު ވަރުގަދައެވެ. އޭނާ ތަކުރާރުކޮށް އެކި ޕްލެޓްފޯމްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ސުލްހަ ގާއިމުކުރުމަކީ އެތަނެއްގައި ރައްކާތެރިކަމަށް އެދި ތިބި މީހުންގެ އިތުބާރާއެކު ނޫނީ ނުކުރެވޭނެ ކަމެކެވެ. ސުލްހަ ގާއިމުކުރަން ހަމަ އެކަނި ސިފައިން ބޭތިއްބުމުގެ ބަދަލުގައި ޖަވާބުދާރީ ކުރުވުމާއި އާންމުން ބޭނުންވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އޭނާ ގަބޫލުކުރެއެވެ. ކޭޓާގެ މި ލީޑަރޝިޕް ސިފަތަކުގެ ސަބަބުން އޭނާއަކީ އިންސާނީ ކަރާމާތް ނުގެއްލޭނެހެން ހަމަނުޖެހުންތަކުގެ ތެރެއިން މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. އޭނާގެ މަސައްކަތަކީ ހަމަ އެކަނި ކްރައިސިސް މެނޭޖުކުރުމެއް ނޫނެވެ. މައްސަލައިގެ ރޫޓް ކޯސް ބެލުމާއި، އެއާއެކު އަންނަ އެހެން މައްސަލަތަކާއި، ޖަވާބުދާރީ ކުރުވުމަކީވެސް އޭނާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ދުނިޔޭގެ ހަމަނުޖެހުންތައް އިތުރުވަމުންދާ މި ޒަމާނުގައި ކޭޓާ ދެކޭ ގޮތުގައި އަމާންކަމާއި ސުލްހައަކީ ހަމަ އެކަނި ހަނގުރާމައެއް ނެތުމެއް ނޫނެވެ. އެއީ މުޖުތަމައެއްގައި އިތުބާރު ބިނާކުރެވިފައިވުންކަމުގައި އޭނާ ގަބޫލުކުރެއެވެ.
އޭނާގެ މަސައްކަތުން ސުލްހަ ގާއިމުކުރުމަށް އދ. އިން ކުރާ މަސައްކަތްތަކަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ. މިއަދު ސުލްހަ ގާއިމްކުރުމުގެ އޮޕަރޭޝަންތަކުން ހަމައެކަނި ސީސްފަޔަރ މޮނިޓަރ ކުރުމުގެ ބަދަލުފައި ގައުމު ބިނާކުރުމުގައާއި، އާންމުންގެ ރައްކާތެރިކަމާއި، ހައްގުތައް ކަށަވަރުކޮށް ސިޔާސީ މައިދާން ހަމައަކަށް އަޅުވަން މަސައްކަތްކުރެއެވެ. މި ބަދަލު ގެނައުމުގެ ހުންގާނުގައި ހުރީ ކޭޓާ އެވެ.
އެހެންނަމަވެސް މި ހުރިހާ މަސައްކަތެއްގެ ތެރެއިން އޭނާ ރިޓަޔާ ކުރުމާ ހިސާބަށްވެސް ކެޓާ ހުރީ ލޯ-ލައިންގ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާގެ މަސައްކަތުން ސުލްހަ ގާއިމުކޮށް، އަލުން ބިނާކުރެވިފައިވާ ސަރަހައްދުތަކުން އޭނާގެ ނުފޫޒު ދައްކުވައިދެއެވެ. އަދި ގްލޯބަލް ޑިޕްލޮމެސީގައި ބާރަކީ އަބަދު މީޑިއާތަކުންނާއި ހެޑްލައިންތަކުން ފެންނަން އޮންނާނެ އެއްޗެއް ނޫންކަމުގެ ވަރުގަދަ މެސެޖެއް ދުނިޔެއަށް ދެއެވެ.