ENGLISH
23 އޭޕްރީލު 2026
މާރިޗު މަހު އިޖުތިމާއީ 230 މައްސަލަ، އެންމެ ގިނައީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައް
23 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މިދިޔަ މާރިޗު މަހު ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް 230 މައްސަލަ ރިޕޯޓްވެފައިވާއިރު، މީގެތެރޭގައި އެންމެ ގިނައީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަތައްކަން ތަފާސްހިސާބުން ފާހަގަވެއްޖެއެވެ.
އެ ވުޒާރާއިން ވަނީ މާރިޗު މަހުގެ ތަފާސްހިސާބު އޭޕްރީލް 21 ވަނަ ދުވަހު މީސްމީޑިއާގައި އާއްމުކޮށްފައެވެ.
މި މައްސަލަތައް މީގެކުރިން ބަލަމުން އައީ އިޖުމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނެވެ. އެކަމަކު މިހާރު އެ މެންޑޭޓު ވަނީ ޞިއްޙީ ވުޒާރާގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިދިޔަ މާރިޗު މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 92 މައްސަލަ ވަނީ ރިޕޯޓްވެފައެވެ. އޭގެތެރޭގައި ފިރިހެން ކުދިންގެ 32 މައްސަލަ އަދި އަންހެން ކުދިންގެ 60 މައްސަލަ ހިމެނެ އެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް އިހުމާލުވެގެން މާރިޗު މަހު 16 މައްސަލަ ހުށަހެޅިފައިވެއެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ ބާވަތްތަކުގެ އިތުރު މައްސަލަތަކަށް ބަލާއިރު، ޖިންސީ އަނިޔާގެ 13 މައްސަލަ އަދި ޖިސްމާނީ އަނިޔާގެ 18 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ އުޅުމާ ގުޅުންހުރި 17 މައްސަލައެއްވެސް މިދިޔަ މަހު ވަނީ ރިޕޯޓްވެފައެވެ.
އިޖުމާއީ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު 5 ކުއްޖަކު ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުއްޖެކެވެ. އަދި މިދިޔަ މަހު އެއް ކުއްޖަކު ވަނީ ފޮސްޓަރ ކޮށްފައެވެ. ތަފާހިސާބަށް ބަލާއިރު މިހާރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 156 ކުޑަކުދިންނެވެ.
މައްސަލަ ހުށަހެޅުމަށް އާއްމުކޮށްފައިވާ 1412 އަށް މާރިޗު މަހު 1646 ފޯންކޯލް ލިބިފައިވާއިރު 18 އަހަރުން މަތީގެ މައްސަލަތައް ރިޕޯޓްކުރުމަށް އާއްމުކޮށްފައިވާ 1421 ނަންބަރަށް 400 ފޯންކޯލް މާރިޗު މަހު ލިބިފައިވެއެވެ.
ރާއްޖޭގައި އިޖުތިމާއީ މައްސަލަތައް ގިނަވަމުން އަންނައިރު، ކޮންމެ މަހަކު ވެސް ރައްކާތެރިކަމާ ގުޅޭ ގިނަ މައްސަލަތަކަކަށް އިޖުތިމާއީ މެންޑޭޓުގެ ދަށުން އަންނަނީ މަސައްކަތްކުރަމުންނެވެ.