ENGLISH
23 އޭޕްރީލު 2026
ކުޑަކުދިންނާމެދު ހިންގާ ޖިނާއީ ކުށްތައް ގިނަވަނީ، ވަޒީރުގެ އިލްތިމާސަކީ ކުދިންގެ ރައްކާތެރިކަމަށް ސަމާލުވުން
23 އޭޕްރީލު 2026
|
ކުޑަކުދިންނާމެދު ހިންގާ ޖިނާއީ މައްސަލަތައް އަންނަނީ އިތުރުވަމުން، ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ކުޑަކުދިންނާމެދު މުޖުތަމައުގައި ހިންގަމުންދާ ނޭނގާނީ އެކި އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެެއްވިފައިވާތީ އެފަދަ ކަންކަމާއި ކުދިންގެ ރައްކާތެރިކަމަށް ސަމާލުކަންދިނުމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި އިހުސާނު ވިދާޅުވީ ކުޑަކުދިންނާ ގުޅޭ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހެޅޭ މިންވަރު އިތުރުވެފައިވާކަމަށް އެ އިދާރާއިން މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
އަދި އެކަންކަމަކީ ބެލެނިވެރިން އިތުރަށް ސަމާލުވާންޖެހޭ ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އެއަށްފަހު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އިތުރުވަމުންދަނީ ކުޑަކުދިންނަށް އިހުމާލުވުމާއި އަނިޔާކުރުމާއި ޖިންސީ ގޯނާކުރުން ފަދަ މައްސަލަތައް ކަމަށެވެ. އެހެންކަމުން އެ މައްސަލަތަކާމެދު ބެލެނިވެރިް ސަމާލުކަންދީ ކުދިންގެ ރައްކާތެރިކަމަށް އިތުރަށް ރިއާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.
"ކުޑަކުދިންނާ ގުޅޭ މައްސަލަތަކޭ އަޅުގަނޑު ދެންނެވީ ކުޑަކުދިން ކުށުގައި އުޅުމަށްވުރެ ބޮޑަށް ކުޑަކުދިންނަށް ކުރެވުމުންދާ ބައެއް ޖިނާއީ ކުށްތަައް، ކުޑަކުދިންނަށް ގޯނާކުރުމާއި އަނިޔާކުރުމާއި ކުޑަކުދިންނަަށް ޖިންސީ ފުރައްސާރަކުރުން ފަދަ ކަންކަން ގިނަވެގެންދާ ކަންކަން. މިކަމުގައި އަޅުގަނޑުމެންގެ އާއިލާތަކުން ބެލެނިވެރިކަން ސަމާލުކަންދިނުމަށް މިހާރަށްވުރެ އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް،" ވަޒީރު ވިދާޅުވިއެވެ.
މާޗު މަހުގައި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ މަހުގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ ޖުމްލަަ 92 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިފަދަަ މައްސަލަތައް އިތުރުވުމަކީ މުޖުތަމައުގެ ބޮޑު ކަންބޮޑުވުމެކެވެ.
ސަރުކާރުން އަންނަނީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.