ENGLISH
23 އޭޕްރީލު 2026
ޔުމްނު މަައްސަލައަށްފަހު ފުލުހުންގެ ހިންގުމަށް ހެޔޮ ބަދަލުތަކެއްވަަނީ ގެނެވިފައި: އިހުސާން
23 އޭޕްރީލު 2026
|
ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މާަލޭގެ ގެއެއްގެ މަތިން ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންތަައްތަކެއް މިހާރު އިދާރީ ގޮތުން ރަނގަޅުކުރެވިފައިވާކަމަށް ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާނު ވިދާޅުވީ ކަމެއްގައި ފުލުހުންނާމެދު ފިޔަވަޅުއެޅުމުގެ މާނައެއްގެ ގޮތުގައި ވަރަށް ގިނަ އާއްމުންނަށް ވިސްނިފައި އޮންނަނީ ފުލުހުން ވަޒީފާއިން ވަކިކުރުން ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރެއިން ކުރިމަތިވާ މައްސަލަތަކުގައި މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި ތަފާތު ފިޔަވަޅުތަކެއް އެޅިގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އެހެނެއްނޫން ފުލުހުންގެ އަދި ޔުނިފޯމު އެޅި ހުރިހާ އިދާރާއެއްގައިވެސް ޑިސިޕްލިނަރީ ސިސްޓަމެއް ރޭވިފައި އޮންނައިރު، ބައެއް ކަންކަމަކީ އިދާރީ ގޮތުން ކަންކަން ތަރުތީބުވެފައި އޮންނަ ގޮތަށް ބަދަލުގެނެސް އަޅާ ފިޔަވަޅު. އޭގެ ޒާތުގައި ބަދަލަކީ ފިޔަވަޅު. ބައެއް މައްސަލަތަކުގައި އިހުމާލެއްވާނަމަ އެކުއްޖަކާމެދު އިދާރީ ޑިސިޕްލިނަރީ ކަރެކްޝަނަލް ފިޔަވަޅުތައް އަޅާ. އޭގެ ތެރޭގައި ނަސޭހަތް ދިނުމުން ފެށިގެން ވަޒީފާއިން ވަކިކުރުމާ ދެމެދުގައި ވަރަށް ގިނަ އޮޕްޝަންސް ހުރޭ،" ވަޒީރު ވިދާޅުވިއެވެ.
ގެއެއްގެ ފުރާޅެއްގެ މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި ފުލުހުންގެ ވަކިވަކި އޮފިސަރުންނާމެދު ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން ޖެހިވަޑައިގަންނަވާނީ ބައްލަވައިލައްވަންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހިންގުމާ ގުޅުންހުރި އިދާރީ ކަންކަމަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
"ހަމަ ޔަގީނުންވެސް ފުލުހުން ކަންކަމުގައި މަސައްކަތްކުރާ ގޮތަށް، ވަރަަށް ގިނަ ބަދަލުތަކެއް ގެނެވިއްޖެ އެ ކޭސްއަށްފަހު. އަދި އެނގިވަޑައިގަންނަވާނެ އިންކުއަރީ ކޮމިޝަނެއް ހަދައި އެ ކޮމިޝަނުގެ ރިޕޯޓުގައި އަޅުގަނޑުމެން ރަނގަޅުކުރުމަށް ބުނެފައިވާ ކަންކަމަށްވާނީ އެޑްރެސްކުރެވިފައި،" އިހުސާން ވިދާޅުވިއެވެ.
އިހުސާން އިޝާރާތްކުރެއްވި މައްސަލާގައި ފުލުހުން ކަންކުރި ގޮތާއި، މައްސަލައިގެ ވަށައިގެން ހުރި ކަންކަން ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެކުލަވައިލެއްވި އިންކުއިރީ ކޮމިޝަނުން އެ މައްސަލަ ބެލުމަށްފަހު ރަނގަޅުކުރަންޖެހޭ ކަންކަން ހިމެނޭ ރިޕޯޓެއް އެކުލަވައިލައި ރައީސަށް އެރުވިއެވެ.
ރައީސްވަނީ އިންކުއިރީ ކޮމިޝަނުގެ ރިޕޯޓު އާއްމުކުރައްވާފައެވެ. އަދި އެ ރިޕޯޓުގައި ފުލުހުންގެ އިދާރާއިން ރަނގަޅުކުރުމަށް އިރުޝާދު ދީފައި ހުރި ކަންކަން ރަނގަޅުކުރުމަށް އެމަނިކުފާނު އެ އިދާރާއަށް އެންގެވިއެވެ.