ENGLISH

23 އޭޕްރީލު 2026

Advertisement

ބުލީކުރުން ހުއްޓުވަން ޖިނާއީ ފިޔަވަޅުއަޅަނީ، ގާނޫނުތަކަށް ބަދަލުގެންނަންނެޖެހޭނަމަ ގެންނާނެ

23 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން، ފޮޓޯ: ރައީސް އޮފީސް

ބުލީކުރުމާއި ފުރައްސާރަކޮށް ގަނާކުރުމުގެ މައްސަލަތައް މަދުކޮށް އެކަންކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށްޓަކައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށާއި، އެކަމުގައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރިނަމަ އެ ބަދަލުތައްވެސް ގެންނާނެ ކަމުގައި ދާހިލީ ސަލާމަތާއި މަސައްކަަތްތެރިކަމާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެ ވުޒާރާގެ މަސައްކަތްތަކުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ ގަނާކުރުން ހިމެނޭހެން އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމަށް ކުރެވޭނެ ކަންކަން ބަލައި ހޯދައި އެކަންކަން ކުރުމުގެ މަސައްކަަތް ވުޒާރާއިން ކުރަމުންދާ ކަމަަށެވެ. 

ގަނާކުރުމުގެ ކަންކަން ސުކޫލުތަކާއި މުޖުތަމައުގެ ތެރޭގައި ފެތުރިފައިވާއިރު، އެކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިކަން ދެނެގަތުމުގެ މަސައްކަތްތަކެއް ދާހިލީ ސަލާމަތާއި ބެހޭ ވުޒާރާއިން ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. 

"ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާއި މުޖުތަމައުގެ ތެރޭގައި ކުރަމުންދާދިއުން، މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަސައްކަަތްތަކެއް ކުރަމުންދަން،" އިހުސާން ވިދާޅާުވިއެވެ. 

"ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި ކަންކަން މިހާރުވަނީ ގޮސްފައި. މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅުއެޅޭ ކަމުގައިވާނަމަ ހަރުކަށި ޖިނާއީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،" 

މިފަދަ މައްސަލަތަކުގައި ސަރުކާރުގެ ސްޓޭންޑަކީ އެކަންކަން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުންކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ ޖިނާއީ ފިޔަވަޅުތައް އެޅުމަށްޓަކައި ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެ ބަދަލުތައް ގެނައުމާމެދުވެސް ސަރުކާރން ވިސްނާނެ ކަމަށެވެ. 

ސްކޫލުތަކުގައި ކުދިންނަށް ގަނާކުރުމުގެ މައްސަލަތަކާއި މުޖުތަމައުގެ އެހެނިހެން ދާއިރާތަކުގައިވެސް ގަނާކުރުމުގެ މައްސަލަތައް ފެންމަތިވެއެވެ. އަދި ގަނާކުރުމާ ގުޅިގެން ނަފުސާނީ މައްސަލަތައް މެދުވެރިވެ އެކަނިވެރިކަމާއި އެކަހެރިކަން ތަހައްމަލުކުރާ މީހުން ގިނަވަމުންދާކަން އެ ދާއިރާއިން ހެދޭ ރިޕޯޓުތަކުންވެސް ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު