ENGLISH
23 އޭޕްރީލު 2026
ބާސެލޯނާގައި ރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓްކޮށްފި
23 އޭޕްރީލު 2026
|
ޕެނަލް ޑިސްކަޝަންގެ ތެރެއިން--ފޮޓޯ: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ސްޕެއިންގެ ބާސެލޯނާގައި ކުރިއަށްދާ "ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026 "ގައި ދިވެހިރާއްޖޭގެ މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވައިފި އެވެ.
މި ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ ބާސެލޯނާގައި ކުރިއަށްދާ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސްގައި ތިން ދުވަހުގެ މުއްދަތަށެވެ. ރާއްޖޭގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކުން މި ފެއާ ގައި ބައިވެރިވެފައިވެ އެވެ.
ރާއްޖޭގެ ފަރާތުން މި ފެއާގައި ބައިވެރިވެފައިވަނީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ކުންފުނިތަކުންނެވެ.
ރާއްޖޭގެ ފަރާތުން ބައިވެރިވި ބައެއް ކުންފުނި ތަކުގެ ތެރޭގައި މޯލްޑިވްސް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ކޯޕަރޭޝަނާއި، މިފްކޯއާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި، އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި، ބްލޫ ސޯލްވޯޓާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.
"ދަ ގްލޯބަލް ސީފުޑް މާކެޓް ޕްލޭސް 2026" ގައި ދިވެހިރާއްޖެއިން ވަނީ ރާއްޖޭގެ މަސްވެރިކަން އިޝްރިހާރު ކުރުމަށް ހާއްސަ ޕެނަލް ޑިސްކަޝަނެއް ބާއްވާފަ އެވެ. ފެއާގެ ސައިޑް އިވެންޓެއްގެ ގޮތުން "ދިވެހިރާއްޖެ އިން ދުނިޔެއަށް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައި ވަޒީރު އަޙްމަދު ޝިޔާމްއާއި މޮންޓެރީ ބޭ އެކްވަރިއަމްގެ ޕޮލިސީ އެންޑް ސްޓޭކްހޯލްޑަރ އެންގޭޖްމަންޓް ޑިރެކްޓަރު ޖޯޝް މަޑޭރާ އަދި މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓް އާތިފް ޝުކޫރު ބައިވެރިވެވަޑައިގަތެވެ.
ބާސެލޯނާގައި ބޭއްވުނު ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކާއި ދާއިރާގައި ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމާއި، ދުނިޔޭގެ މާކެޓަށް ވަދެވޭނެ ގޮތާއި، އަގު އުފެއްދުމާއި ގުޅޭގޮތުންވެސް މި ޕެނަލް ޑިސްކަޝަންގައި މަޝްވަރާކޮށްފައިވެ އެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރައިން ބުނެފައިވަނީ، މި ޕެނަލް ޑިސްކަޝަންގެ އެންމެ މައިގަނޑު މަޤްސަދަކީ ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްޞަ ރޭޓިންގްއެއް ސީފުޑް ވޮޗް އިން ކަނޑައެޅުމުން އެކަން ޕްރޮމޯޓްކޮށް ފާހަގަކުރުމެވެ.
ސީފުޑް ވޮޗްގެ ތާރީޚުގައި ވަކި ޤައުމަކަށް ޚާއްޞަކޮށްގެން ކަނޑުމަހުގެ މަސްވެރިކަމަށް ރޭޓިންގްއެއް ކަނޑައެޅި މިއީ ފުރަތަމަ ފަހަރެވެ. މިއީ ދިވެހިރާއްޖެއަށާއި، ދުނިޔޭގެ ފެންވަރުގައި ދެމެހެއްޓެނިވި މަސްވެރިކަން ވަޒަންކުރުމުގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ.