ENGLISH
22 އޭޕްރީލު 2026
އޭޝިއަން ބީޗް ގޭމްސްގައި ދިވެހި ދިދަ އުފުލައިދޭނީ އަހްނާއާއި ޝަމްނޫޒް
22 އޭޕްރީލު 2026
|
ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު އެތުލީޓުންނަށް ދިދަ ހަވާލުކޮށްދެއްވުން. --ފޮޓޯ: އެމްއޯސީ
އެންމެ މަޤްބޫލު
ޗައިނާގެ ސަންޔާގައި ކުރިއަށްދާ ހަވަނަ އޭޝިއަން ބީޗް ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުންގެ ގޮތުގައި އެތުލެޓިކްސް ތަރި އަހްނާ ނިޒާރާއި ބީޗް ހޭންޑްބޯޅަ ޓީމުގެ ކެޕްޓަން ޝަމްނޫޒް މުހައްމަދު ނައީމް ހަމަޖައްސައި، ރަސްމީކޮށް ދިދަ ހަވާލު ކޮށްފިއެވެ.
މިއަދު އޮންނަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ ފްލެގް ބެއަރާސްއާ ރަސްމީކޮށް ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލެވެ.
ދިދަ ހަވާލުކުރުމަށް އެތުލީޓްސް ވިލެޖުގައި ބޭއްވި ހާއްސަ އިވެންޓްގައި އެމްއޯސީގެ ރައީސް ސައްތާރާއި ތޮލާލް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވައި، ގޭމްސްގައި ރާއްޖެ ތަމްސީލުކުރުމަކީ ހުރިހާ އެތުލީޓުންނަށްވެސް ލިބޭނެ ޝަރަފެއް ކަމަށް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދު ބޭއްވި އިވެންޓްގައި އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަހުމަދު ސައީދުވެސް ވަނީ އެތުލީޓުންނަށް ހިތްވަރު ދެއްވާ، ރާއްޖެ ތަމްސީލު ކުރުމުގައި ނަމޫނާ ދައްކަވާ، އަބަދުވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ފްލެގް ބެއަރާގެ ގޮތުގައި ހަމަޖެހިގެން ދިޔަ ދެ އެތުލީޓުންނަކީވެސް މީގެ ކުރިންވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށް، ކާމިޔާބުވެސް ހޯދާފައިވާ ދެ އެތުލީޓުންނެވެ. ދެ އެތުލީޓުންގެ ފަރާތުންވެސް ފާހަގަކުރެއްވީ ގޭމްސްގައި ދިދަ ވިހުރުވާލަން ފުރުސަތު ލިބުމަކީ ލިބުނު ފަހުރެއް ކަމަށާއި، ރާއްޖެ ތަމްސީލުކުރުމުގައި ހުރިހާ އެތުލީޓުންވެސް އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ލިބުނު ފުރުސަތަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ދެ އެތުލީޓުންވެސް ފާހަގަކުރިއެވެ.
މި ފަހަރުގެ އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަކުރަނީ ހަތަރު ކުޅިވަރަކުންނެވެ. އެއީ ބީޗް ހޭންޑްބޯޅައާއި ބީޗް އެތުލެޓިކްސްގެ އިތުރުން ބީޗް ވޮލީބޯޅަ އަދި އޯޕަން ވޯޓާ ސްވިމިންގައެވެ. ކުޅިވަރުތަކުގައި ރާއްޖޭގެ 27 އެތުލީޓުން ވާދަކުރާނެއެވެ.