ENGLISH
10 އޭޕްރީލު 2025
މާލެ ސިޓީ ބަލިކޮށް އަލިފުށްޓަށް ގްރޫޕުގެ އެއްވަނަ
16 ޑިސެމްބަރު 2024
|
މެޗަކަށްފަހު އަލިފުށީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: މިހާރު
މިހާރު ކުރިއަށްދާ ނައިންޓީ ޕްލަސް ގޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި ފަހަތުން އަރައި މާލެ ސިޓީ 3-1 އިން ބަލިކޮށް ރ. އަލިފުށިން އެ ގްރޫޕުގެ އެއްވަނަ މަގާމު ހޯދައިފިއެވެ.
މި ނަތީޖާއާއެކު އަލިފުށިން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި މާލެ ސިޓީ އޮތީ ތިން ޕޮއިންޓާއެކު އެވެ. އެންމެ ފުލަށް ދިޔަ ޅ. ކުރެންދޫ އަށް ޕޮއިންޓެއް ނުލިބެއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އަލިފުށީގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން، މުޙައްމަދު ރަޝީދު (ހޮކޭ)، އިބްރާހިމް ސަލާމް އަދި އަހުމަދު ހުސާމް (ހުސާންކޮ) އެވެ.
މި މެޗުގައި މާލޭ ސިޓީގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަލީ ޝަރީފް (އައްޔަ) އެވެ.
މި މުބާރާތުގައި ދެން ކުރިއަށް ހުރި ކުއާޓާ ފައިނަލް މެޗުތައް ފަށާނީ ބުދަ ދުވަހު އެވެ. އެންމެ ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ބ. އޭދަފުށި ނުކުންނާނީ ޅ. ނައިފަރާ ދެކޮޅަށެވެ. ކުއާޓާގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ކުޅޭ މެޗުގައި ކ. ގުރައިދޫ ބައްދަލުކުރާނީ މާލެ ސިޓީއާ އެވެ.
ގޯލްޑް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް:
ބ. އޭދަފުށި - ޅ. ނައިފަރު
ކ. ގުރައިދޫ - މާލެ ސިޓީ
ރ. އަލިފުށި - ފުވައްމުލަކު ސިޓީ
އައްޑޫ ސިޓީ - ކ. މާފުށި