ENGLISH

19 އޭޕްރީލު 2026

Advertisement

ބާބުލް މަންދަބު ބަންދުކުރާނެ ކަމުގެ އިންޒާރު ހޫޘީން ދީފި

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ބާބުލް މަންދަބު ކަނޑުއޮޅި

ދުނިޔޭގެ އިގުތިސާދާއި ކަނޑު ދަތުރުފަތުރުގެ މައި ދޮރޯއްޓެއްކަމުގައިވާ ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރު ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ދީފި އެވެ.

ސަންޢާގައި ހުންނަ ހޫޘީންގެ ޚާރިޖީ ވުޒާރާގެ ނައިބު ޙުސައިން އަލް-ޢައްޒީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަންޢާއިން ބާބުލް މަންދަބް ބަންދުކުރަން ނިންމައިފިނަމަ، އެ ކަނޑުއޮޅި އަލުން ހުޅުވުމަކީ މުޅި އިންސާނިއްޔަތު އެކުވިޔަސް ނުވާނެކަމެއް ކަމަށެވެ.

އަލް-ޢައްޒީ އިތުރަށް ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާއަށް އެއްބާރުލުންދޭ ދުނިޔޭގެ ގައުމުތަކަށް އެންމެ ރަނގަޅު ގޮތަކީ ސުލްހައަށް ހުރަސްއަޅާ ހުރިހާ ސިޔާސަތުތަކެއް ވަގުތުން ހުއްޓާލުން ކަމަށާއި އަދި ޔަމަނުގެ ރައްޔިތުންނާއި ގައުމުގެ ހައްގުތަކަށް ބޭނުންވާ އިހުތިރާމް އަދާކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފަ އެވެ. 

މިދިޔަ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ދެމުން އަންނަ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފަ އެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ މިއިން ޒަމާނަކު ނުދާހާ މިންވަރަށް މައްޗަށް ގޮސްފަ އެވެ. 

ލުބުނާންއާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މިދިޔަ ހުކުރު ދުވަހު ހުރުމުޒު ކަނޑުއޮޅި ހުޅުވާލި ނަމަވެސް އީރާނުގެ ބަނދަރުތަކުން ދަތުރުކުރާ އުޅަނދުފަހަރަށް ހުރްމުޒު ހުރަސްކޮށް ކަނޑު ދަތުރުފަތުރުނުކުރެވޭނެހެން އެ ސަރަހައްދު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނަވާނެ ކަމުގައި ޓުރަމްޕު ވިދާޅުވުމާ ގުޅިގެން އީރާނުން ވަަނީ އަލުން އެ ކަނޑުއޮޅި ބަންދުކޮށްފަ އެވެ. 

ބާބުލް މަންދަބަކީ ރަތްކަނޑާއި އަދަނު ކަނޑުއޮޅި ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. ހުރުމުޒު ކަނޑުއޮޅި ބަންދުވެފައި ވާ މި ހާލަތުގައި މިސްރުގެ ސުއޭޒް ކެނަލްއާ ދިމާލަށް ދަތުރުކުރާ އުޅަނދުތައް ހުރަސްކުރުމަށް ބޭނުންކުރަމުންދަނީ ބާބުލް މަންދަބު ކަނޑުއޮޅި އެވެ. ހުރުމޫޒު ކަނޑުއޮޅިއަށްފަހު ދުނިޔޭގެ ހަކަތައާއި މުދާ ކަނޑުމަގުން އުފުލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މި ކަނޑުއޮޅި ނެވެ.  

މި ކަނޑުއޮޅި އޮންނަ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރަކީ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ނެވެ. އެމެރިކާ އާއި އިސްރާއީލު އިސްވެ އޮވެ އީރާނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އީރާނުން ދެމުންދާ ރައްދު ހަމަލާތަކާ ހޫޘީން މިހާރު ރަސްމީކޮށް ގުޅިފައިވާއިރު މިކަމުގެ ސަބަބުން މިސްރުގެ ސުއޭޒް ކެނަލް ވެސް ބަންދުވެދާނެކަމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ. 

ޔޫރަޕާއި އޭޝިއާ ގުޅުވައިދޭ ސުއޭޒް ކެނަލަށް ދަތުރުކުރާ ކޮންމެ އުޅަނދަކަށް ދަތުރުކުރެވޭނީ ބާބުލް މަންދަބު ކަނޑުއޮޅި ހުރަސްކޮށްގެންކަމަށް ވުމާއެކު މި ކަނޑުއޮޅި ވެފައިވަނީ ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 6.2 މިލިއަނާއި 9.3 މިލިއަން ފީފާއާ ދެމެދުގެ އަދަދެއްގެ ތެޔޮ ދަތުކުރަމުންދާ ކަނޑުއޮޅިއަކަށެވެ.

ކިޔުންތެރިންގެ ހިޔާލު