ENGLISH
21 އޭޕްރީލު 2026
ފުރަތަމަ ކުއާޓާގައި ރަސްމީ ރިޒާވްއަށް 68.2 އިންސައްތައިގެ ކުރިއެރުމެއް
19 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 400 މިލިއަނަަށްވުރެ ގިނަ ޑޮލަރު ހުރިކަން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން މަހަކު އެއްފަހަރު އާއްމުކުރާ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. ފެބްރުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.2 ބިލިއަންް ޑޮލަރެވެ. ނިމުނު އަހަރުގެ މާޗު މަހުގައި ރަސްމީ ރިޒާވްގައި ހުރީ 791 މިލިއަން ޑޮލަރެވެ.
ރިޒާވްގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ރިޒާވްގައި ފައިސާ ހުރި މިންވަރަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރިޒާވްގައި ފައިސާ ހުރި މިންވަރުވަނީ 68.2 އިންސައްތަ އިތުރުވެފައިވެއެވެ.
ރަސްމީ ރިޒާވްގެ އިތުރަށް އެމްއެެމްއޭއިން ބޭންކުތަކުގައި ބޭނުންކުރެވޭ ގޮތަށް ޑިޕޮސިޓުކޮށް ރައްކާކޮށްފަައި ހުރި ބޭރު ފައިސާގެ އަދަދު މާޗު މަހުގެ ނިޔަލަށް 81 މިލިއަން ޑޮލަރަށް އަރައެވެ. އެހެންކަމުން ޖުމްލަ ރިޒާވް 1.4 ބިލއިަން ޑޮލަރަށް އަރާނެއެވެ.
މި މުއްދަތުގައި ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ އެއް ބިލިއަނެއްހައި ޑޮލަރެވެ. ރިޒާވް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ ގޮތަށް ހުރި އަދަދު ހިސާބުކުރަނީ ރަސްމީ ރިޒާވްއާއި އެހެނިހެން ބޭރު ފައިސާގެ އެސެޓުތައް އެއްކޮށްލައިގެން ޖުމްލަ ރިޒާވްގެ ގޮތުގައި ހިސާބުކުރެވޭ އަދަދުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް އުނިކޮށްގެންނެވެ.
އެހެންކަމުން 1.4 ބިލިއަން ޑޮލަރުން އެއް ބިލިއަން ޑޮލަރު އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި މާޗު މަހުގެ ނިޔަލަށް 408 މިލިއަން ޑޮލަރު ހުރި ކަމުގައި ހިސާބުތަކުން ދައްކައެވެ.
އޭޕްރީލު މަހުގެ ދެވަނަ ދުވަހު ސަރުކާރުންވަނީ މި އަހަރު ދައުލަތުން ދައްކަން އޮތް އެންމެ ބޮޑު ދަރަނި ކަމުގައިވާ 2021 ވަނަ އަހަރު ކުރީ ސަރުކާރުން ވިއްކި ސުކޫކަށް ދައްކަންޖެހޭ 500 މިލިއަން ޑޮލަަރާއި އެ ސުކޫކުގެ ފައިދާގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު އެކީ ދައްކާފައެވެ.
އެ ފައިސާ ދެއްކީ ރިޒާވްގައި ޖަމާކޮށްފައި ހުރި ފައިސާއާއި، ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ރައްކާކޮށްފައި ހުރި ފައިސާއިންނެވެ. ކުރިން ރިޒާވްގައި ހުންނާނެކަމަށް ބެލެވުނީ 350 މިލިއަނެއްހަައި ޑޮލަރު ނަމަވެސް މާޗު މަހުގެ ނިޔަލަށް ރިޒާވްގައި 408 މިލިއަން ޑޮލަރު ހުރުމާއެކު، ސުކޫކުގެ ދަރަނި އަދާކުރުމަށްފަހު ބާކީވި މިންވަރު ކުރީގެ އަންދާޒާއަށްވުރެ އިތުރުވާނެއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރިޒާވްގައި ހުރީ 509 މިލިއަން ޑޮލަރެވެ. އެހެންކަމުން ދެ އަހަރާއި ބައިގެ ތެރޭގައި ރަސްމީ ރިޒާވްގައި ފައިސާ ހުރި މިންވަރު 161 އިންސައްތަ އިތުރުވެފައިވެއެވެ.
2023 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވްގައި ހުރީ އެންމެ 179 މިލިއަން ޑޮލަރެވެ. ދެ އަހަރެއްހައި ދުވަހުން ބޭނުންކުރެވޭ ރިޒާވްގެ އަދަދު 408 މިލިއަން ޑޮލަރަށް އިތުރުވުމަކީ ގާތްގަނޑަކަށް 127 އިންސައްތައިގެ އިތުރުވުމެކެވެ.