ENGLISH

19 އޭޕްރީލު 2026

Advertisement

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށް

19 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ކުށުގައި 16 އަހަރުގެ ޖަލު ހުކުމް އިއްވި މީހާ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 16 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި، 11 އަހަރުގެ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައެއްގަ އެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މ. މުނިޔާގެ / މާލެ، މުޙައްމަދު އަނިލް (47އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ނެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިކަމަށެވެ. 

މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، މިދިޔަ ބުދަ ދުވަހު މުޙައްމަދު އަނިލްގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު އަނިލް 16 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު އަނިލް، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި ހަތަރު މަހާއި 19 ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު އަނިލް ތަންފީޒުކުރަންޖެހޭ އަދަބަކީ 15 އަހަރާއި ހަތް މަހާއި 11 ދުވަހުގެ ޖަލު އަދަބުކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ފުލުހުން ވަނީ މި މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހުއްޓުވައި އެފަދަ މައްސަލަތައް ތަހުގީގުކޮށް، ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށާއި ކުޑަކުދިންނަށް ޖިންސީގޯނާކޮށް، އިހުމާލުވާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް މިފަދަ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަސްޖެހުމެއްނެތި ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އެހިދުމަތުން ވަނީ ދީފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު