ENGLISH
19 އޭޕްރީލު 2026
ނަލަހިޔާއިން ހަތަރު މިލިއަން ވަގަށް ނެގުން: ތުހުމަތުވާ ފަސްވަނަ މީހާ ހައްޔަރުކޮށްފި
19 އޭޕްރީލު 2026
|
ނަލަހިޔާ ރެޒިޑެންސްގެ ފުލެޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި ތުހުމަތުވާ ފަސްވަނަ މީހާ
އެންމެ މަޤްބޫލު
މިދިޔަ މާރިޗު މަހު ނަލަހިޔާ ރެޒިޑެންސްގެ ފުލެޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މީގެ ކުރިން ބުނީ މާރިޗު 16 ވަނަ ދުވަހުގެ 17:49 އެހައިކަންހާއިރު ފުލުހުންނަށް ހުށަހެޅުނު، ވައްކަމުގެ މި މައްސަލައިގެ ތަހުގީގު ކުރަމުންދާކަމަށެވެ.
މި ވައްކަމުގައި 4،000،000 (ހަތަރު މިލިއަން) ދިވެހި ރުފިޔާ ވަގަށް ނަގާފައިވެ އެވެ. އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 (ފަންސާސް ހާސް) ދިވެހި ރުފިޔާ އެވެ.
މި މައްސަލާގައި ފަސް މީހަކަށް ތުހުމަތު ކުރެވެ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށް، މިވަގުތު ބަންދުގައި ތިބި އިރު، އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން އައީ ކުރަމުން ނެވެ.
މިއަދު ފުލުހުން ބުނީ، މައްސަލައިގައި ތުހުމަތުވާ ފަސްވަނަ މީހާ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ޖަޒީލާމަންޒިލް / ހދ. ނޮޅިވަރަންފަރު، އުމުރުން 47 އަހަރުގެ ޖަޒީލް މުޙައްމަދެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
މީނާގެ އިތުރުން ދެން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ކަސްތޫރިމާގެ / ޅ.ނައިފަރު، މުޙައްމަދު ނޫރު އަޙްމަދު (40އ) އާއި މޫންލައިޓްވިލާ / ސ.މީދޫ، މުޙައްމަދު އަފްރާޙް (40އ) އާއި ދާރުލް އައްވަލް / ރ.މަޑުއްވަރި، އިސްމާޢީލް ޢާޞިފް (36އ) އަދި މ. އޭސިއާ / މާލެ، އަޙްމަދު ފާރިސް (39އ) އެވެ.
މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.