ENGLISH
19 އޭޕްރީލު 2026
މާލެ ހަލަބޮލިކުރުން؛ އެމްޑީޕީގެ މުޒާހަރާ ތެރެއިން ފުލުހަކަށް އަނިޔާވެއްޖެ
19 އޭޕްރީލު 2026
|
މުޒާހަރާގެ ތެރެއިން ފުލުހުން ހަރަކާތްތެރިވަނީ، ފޮޓޯ: އެމްޑީޕީ
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީއަަށް ކާމިޔާބު ލިބުނުކަމުގައި ގަބޫލުކުރެވުމާއެކު އެ ޕާޓީން މާލޭ ސަރަހައްދުގައި ފެށި ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި މުޒާހަރާވެރިން ފުލުހުންނާ ކުރިމަތިލައި ހިންގި ހަމަނުޖެހުންތަކުގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ މާލޭގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގައި އެ ޕާޓީގެ އެކްޓިވިސްޓުން ފުލުހުންނާ ކުރިމަތިލައި ހަަމަނުޖެހުން ހިންގާފައިވެއެވެ. އަދި އެ ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ހައްޔަރުކުރިއެވެ. މިއަދު ދެ މީހުންވެސް ބަންދުން ދޫކޮށްލާފައިވެއެވެ.
އެ ހަމަނުޖެހުންތަކުގެ އިތުރު ތަފުސީލު ދެއްވަމުން ފުލުހުންގެ މީޑިޔާ އޮފިޝަލެއް ވިދާޅުވީ އެ ހަމަނުޖެހުންތަކުގެ ތެރެެއިން މުޒާހަރާގެ ބައެއް ބައިވެރިން ފުލުހުންނާ ކުރިމަތިލައި ގެއްލުންދިން ކަމަށެވެ. އެ ކުރިމަތިލުންތަކުގެ ތެރެއިން ފުލުހަކަށް އަނިޔާވެ ފަރުވާދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޭގެ މުޒާހަރާގައި އަނިޔާވި ފުލުސް މީހާއަށް ފަރުވާދިނުމަށްފަހު މިހާރު އޭނާވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފުސީލުތައް ފުލުހުން ހާމަނުކުރެއެވެ.
އެމްޑީޕީން މާލޭގައި ކުރަމުންދާ މުޒާހަރާތަކަކީ އޭޕްރީލު ހަަތަރުވަނަ ދުވަހުގައި އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގައި އެ ޕާޓީއަށް ބޮޑު ކާމިޔާބެއް ލިބުނުކަމުގައި ގަބޫލުކުރެވުމާ ގުޅިގެން އެ ޕާޓީން 12 ކަމަކަށް ޑިމާންޑުކޮށް، އެކަންކަން ތަންފީޒުކުރަން ގޮވައިލާ ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކެކެވެ.
އިންތިގާލީ ސަރުކާރެއް އެކުލަވައިލުމާއި، ގާނޫނުއަސާސީއާއި ގާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް ބާތިލުކުރުން ފަދަ ކަންކަމަށް އެ ޕާޓީން އަންނަނީ ޑިމާންޑުކުރަމުންނެވެ.