ENGLISH
19 އޭޕްރީލު 2026
ނިއު އިން 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުކޮށްފި
19 އޭޕްރީލު 2026
|
އެފްއޭ ކަޕްގެ ޗެމްޕިއަން، ނިއު އެ މުބާރާތުގެ ޓްރޮފީއާއެކު. ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު 3-0 އިން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ނިއު އިން އެފްއޭ ކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މިހާތަނަށް މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވަނީ ވެސް ނިއު އިންނެވެ. އަނެއްކޮޅުން، މިއީ އެފްއޭ ކަޕްގެ ފައިނަލުގައި ޓީސީ ޖެހިޖެހިގެން ބަލިވި ތިންވަނަ ފަހަރެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މެޗުގެ22 ވަނަ މިނެޓުގައި ނިއު އިން ލީޑުނެގީ ލިބުނު ޕެނަލްޓީއަކުން އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ޕެނަލްޓީ އޭރިޔާތެރެއިން ޓީސީގެ ކުޅުންތެރިއަކު ސެންޓޭ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް، ނިއުގެ ދެވަނަ ލަނޑުޖަހައިދިނީ އަލް ހާޖީ ގޭރޯ އެވެ. މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ ޓީސީގެ ކީޕަރު ޑެނިއަލް އެޔީބިއޯ އަތުގައި ޖެހިފަ، ގޯލުގެ ދަނޑީގަ ޖެހިފައެވެ.
ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ނިއުގެ ފޯވާޑް، އަލް ހާޖީ ގޭރޯ އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް
މެޗުގައި ނިއު އިން ޖެހި ތިންވަނަ ލަނޑު، 83 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވެސް ގޭރޯ އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ބްރެޒިލްގެ މިޑްފީލްޑަރު، ޑަ ސިލްވާ ދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ނިއު އިން 2020 އިން 2022 ވަނަ އަހަރާ ދެމެދު ސަސްޕެންޝަނުގައި އޮތުމަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް އެފްއޭ ކަޕްގައި ކުޅުނު ފަހަރު މިވަނީ އެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ޓީމުން މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ބައިކޮޅަށް ލަނޑެއްނުވަދެއެވެ.
މިފަހަރުގެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތާއެކު، މި އަހަރުގެ ފުޓްބޯޅަ ސީޒަން ވެސް މިހާ ހިސާބުން ނިމުނީ އެވެ. އެގޮތުން، މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދިއިރު، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަނުންނަކީ ފުރަތަމަ ޑިވިޝަނުގައި މި ފަހަރު އަލަށް ވާދަކުރި އޮޑި ސްޕޯޓްސް ކްލަބެވެ.