ENGLISH
18 އޭޕްރީލު 2026
ހޮރްމުޒު ކަނޑޮއޮޅީގައި އީރާނުގެ "މަނދިރި ފުލީޓު"ގެ ނުރައްކާ ދެމިއޮންނާނެ ސަބަބު
18 އޭޕްރީލު 2026
|
އައިއާރްޖީސީގެ ކަނޑުގެ އަސްކަރީ އުޅަނދެއް
އެންމެ މަޤްބޫލު
އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި ފަނާވެދިޔަ އީރާނުގެ ކަނޑުގެ ލަޝްކަރުގެ އުޅަނދުފަހަރުގެ ބައިތައް ހަލީޖުގެ އައްސޭރި ފަށަށް ލައްގަމުންދިޔަ ނަމަވެސް، އީރާނުގެ ކަނޑުގެ އަސްކަރިއްޔާގެ މަޝްހޫރު "މަނދިރި ފުލީޓު އޮތީ ހިޔަނީގައި ދިރިދިރިއެވެ.
މިއީ ކުދި، ހަލުއި އަދި ފަސޭހައި މިސްރާބު ބަދަލުކުރެވޭ ބޯޓުތަކުގެ މައްޗަށް އެކުލެވޭ ފްލީޓެކެވެ. މިއީ އީރާނުގެ އިސްލާމީ އިންގިލާބުގެ ފާރަވެރިންގެ ލަޝްކަރު (އަައިޖީސީ)އިން ނެރެފައިވާ ކަނޑުގެ ލަޝްކަރުގެ ހިތެވެ. އެއީ އީރާނުގެ އާއްމު ކަނޑުގެ އަސްކަރިއްޔާއާއި މުޅިން ވަކިން އޮންނަ ކަނޑުގެ ބާރެކެވެ.
މި ބޯޓުތަކާއި އެ ބޯޓުތަކުން އީރާނުގެ އަސްކަރިއްޔާއަަށް ފޮނުވައިލެވޭ މިސައިލުތަކާއި، އެއްގަމުގައި ވަންހަނާވެފައިވާ ދިމަދިމާލުގައި އީރާނުގެ އައިޖީސީން ފޮރުވާފައިހުރި މިސައިލުތަކާއި ރޮކެޓުތަކަކީ އަދި އެތަކެތި ފޮނުވުމަށް ބޭނުންކުރާ ނިޒާމުތަކަކީ ހޮރްމުޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުން މަނާކުރުމަށް ބޭނުންކުރާ މައިގަނޑު ވަސީލަތެވެ.
ލުބުނާނުގައި ހަނގުރާމަ މެދުކަނޑައިލަންދެން އެ ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަކީ އީރާނުގެ ވައުދެކެވެ. ހުކުރުދުވަހު އީރާނުގެ އެކި މަސްއޫލުވެރިން މިކަނޑުއޮޅި އަލުން ހުޅުވައިލުމާމެދު ވާހަކަދައްކަވާފައިވަނީ އެކި ގޮތަށެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެމެރިކާއިން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަނޑޮއޮޅި ހުޅުވައިނުލެވެއެވެ. އަނެއްބައި ބޭފުޅުން ވިދާޅުވެފައިވަނީ ކަނޑުއޮޅިން ވިޔަފާރި އުޅަނދުތަކަށް މިހާރު ހުރަސްކޮށް ދަތުރުކުރެވޭނެ ކަމަށެވެ.
އީރާނުން ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުމާއި ހުޅުވުމާއި، އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް އިރުޝާދު ދިނުން ފަދަ ހުރިހާ ކަމެއް ހަވާލުކޮށްފައިވަނީ އިސްލާމީ އިންގިލާބުގެ ފާރަވެރިންގެ ލަޝްކަރާއެވެ. އައިއާރްޖީސީން އެ ކަނޑުއޮޅި ކޮންޓުރޯލުކުރަމުންދާ ގޮތް ދިރާސާކުރައްވާ މުހައްލިލުން ވިދާޅުވާ ގޮތުގައި އެ ލަޝްކަރުން ބޭނުންކުރަނީ ގޮރިއްލާ ހަނގުރާމައިގެ އިސްތިރާޖިއްޔާތަކެވެ.
ޔުނިވާސިޓީ އޮފް ޓެނެސީގެ ޕްރޮފެސާ ސައީ ގޮލްކާ ވިދާޅުވި ގޮތުގައި ޕާޝަން ގަލްފާއި ހޮރްމުޒްގައި އައިއާރްޖީސީން ކުރަމުންދަނީ "އެސެމިޓްރިކަލް" ހަނގުރާއެކެވެ. ހަނގުރާމައިގެ ދުވަސްވަރު 20 އުޅަނދަކަށް ހަމަލާދީފައިވާކަމަށް އދ.ގެ އިދާރާތަކުން ބުނެފައިވާއިރު މި ހުރިހާ ހަމަލައެއްގެ ޒިންމާ ނަގާފައިވަނީ އާރްޖީއައިސީންނެވެ. އެ ލަޝްކަރުގެ ހަމަލާތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެފައިވާ ގޮތުގައި މި ހަމަލާތައް ދިނުމަށް އައިއާރްޖީސީން ބޭނުންކުރީ އެއްގަމުގައި ހުރި ރޮކެޓް ލޯންޗަރުތަކެވެ.
ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުން އިއުލާނުކުރި ފަހުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކެއިން ވިދާޅުވެފައިވަނީ އީރާނުގެ ކަނޑުގެ އަސްކަރިއްޔާގެ 90 އިންސައްތަ އުޅަނދުފަހަރު ފައްތާލާފައިވާ ކަމަށެވެ.
އޭނާ އަންދާޒާކުރައްވާ ގޮތުގައި އައިއާރްޖީސީގެ ހަލުއި ބޯޓުފަހަރުގެ ދެބައިކުޅަ އެއްބައި ނައްތައިލެވިފައިވެއެވެ. ނަމަވެސް ނައްތައިލެވުނު ބޯޓުފަހަރުގެ އަދަދު ބަޔާންނުކުރައްވައެވެ. އަންދާޒާތަކަށްް ބަލާއިރު އައިއާރްޖީސީގެ ހަލުއި ބޯޓުފަހަރުގެ ފުލީޓުގެ ބޮޑުމިނާމެދު ދެބަސްވުންތަކެއް މާހިރުންގެ މެދުގައި އެބައޮތެވެ. އެއްބައި ބޭފުޅުން އަންދާޒާކުރައްވާ ގޮތުން އެ ބޯޓުފަހަރު ހާހުން މައްޗަކަށް ނުދެއެވެ. ނަމަވެސްް އަނެއްބައި ބޭފުޅުން ވިދާޅުވާ ގޮތުން އައިއާރްޖީސީގެ ފުލީޓުގައި އެތައް ހާސް ކުދި ބޯޓު އެބަހުއްޓެވެ.
މިބޯޓުފަހަރަކީ ސެޓެލައިޓު ފޮޓޯއިން ފެންނަ ވަރަށްވުރެ މާ ކުދި ބޯޓެވެ. މި ބޯޓުތައް ގިނަ ފަހަރަށް ހުންނަނީ އީރާނުގެ އައްސޭރި ފަށުގައި ގައު ގިނަ ފަރުބަދަމަތީ ސަރަހައްދުތަކުގައި ހުންނަ ހޮހަޅަތަކުގައި ފޮރުވާފައެވެ. ބޭނުންވެއްޖެ ހާލަތެއްގައި އަވަހަށް ކަނޑަށް ނެރެވޭ ގޮތަށެވެ.
އެމެރިކާގެ ކަނޑުގެ އަސްްކަރިއްޔާގެ އޮޕަރޭޝަންތަކުގެ ވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު ރިޓަޔާކުރެއްވި އެޑްމިރަލް ގެރީ ރަގްހީޑް ވިދާޅުވި ގޮތުގައި އީރާނުގެ އައިއާރްޖީސީގެ ފުލީޓަކީ އަދިވެސް ހޮރްމުޒުން ދަތުރުކުރުމަށް ދަތިކުރުމުގައި ބޭނުންހިފޭނެ ބާރެކެވެ. އަދި އައިއާރްޖީސީގެ ނިޔަތާއި މަގުސަދަކީ ކޮބައިކަން އެހައި ސާފުކޮށް އެއްވެސް އިރެއްގައި ވަޒަންނުކުރެވޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އިސްލާމީ އިންގިލާބުގެ ފާރަވެރިންގެ ލަޝްކަރަކީ 1979 ވަނަ އަހަރު އިސްލާމީ އިންގިލާބަށްފަހު އީރާނުގެ ފުރަތަމަ ރޫހާނީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚޮމެއިނީ އުފެއްދެވި ލަޝްކަރެކެވެ. އެއީ ވެރިކަމުގެ އައު ނިޒާމު ދިފާއުކުރުމުގައި އީރާނުގެ އާއްމު އަސްކަރިއްޔާއަށް އިތުބާރުނުކުރެއްވޭތީ އެ ދައުރު އަދާކުރުމަށެވެ.
އެ ލަޝްކަރުގެ ކަނޑުގެ އަސްކަރިއްޔާ އުފެއްދީ 1986 ވަނަ އަހަރުއެވެ. އެއީ އީރާން-އިރާގު ހަނގުރާމާގައި އިރާގަަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ކުވައިތާއި، ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންތަކަރުތަކަށް ހަމަލާދިނުމަށް އީރާނުގެ އާއްމު އަސްކަރިއްޔާއިން ޖެހިލުންވުމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް އައިއާރްޖީސީގެ ކަންކަން ދިރާސާކުރައްވާ ފަރްޒީން ނަދީމީ ވިދާޅުވިއެވެ.
އައިއާރްޖީސީން އެ ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކާއި ބޯޓުފަހަރަަށް ދޭ ހަމަލާތައް އިތުރުވުމާ ގުޅިގެން އެމެރިކާއިން ތެޔޮ ޓޭންކަރުތަކަށް ހިމާޔަތް ދިނުމަށް އެ ގައުމުގެ އަސްކަރީ އުޅަނދުފަހަރު ގަލްފުގެ ސަރަހައްދަށް ފޮނުވިއެވެ. ތެޔޮ ޓޭންކަރެއް ގޮވައިގެން ދަތުރުކުރަމުންދަނިކޮށް އީރާނުގެ މައިނަކަށް އަރައި ޔޫއެސްސް ސެމިއެލް ބީ ރޮބާޓްސް ނުފެތުނީ ކިރިޔަ ކިރިޔައެވެ.
އޭގެ ތިން އަހަރު ފަހުން ފުރަތަމަ ހަލީޖު ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން އިރާގުގެ އަސްކަރިއްޔާ ސުންނާފަތިކޮށް ބަލިކޮށްލި ގޮތް ފެނި، ސީދާ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކޮށްގެން އީރާނަށް ކާމިޔާބުނުވާނެ ކަމުގައި އެ ގައުމުން ނިންމިކަމަށް ނަދީމީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ވަންހަނާވެގެން ތިބެ ހަލުއިކޮށް ހަމަލާދެވޭނެ ކަނޑުގެ ފުލީޓެއް ވުޖޫދުކުރުމަށް އީރާނުން ނިންމީ އެހިސާބުންނެވެ.
އައިއާރްޖީސީގެ ކަނޑުގެ ލަޝްކަރުގައި 50،000 މީހުން ތިބޭކމަަށް އަންދާޒާކުރެވޭއިރު، ގަލްފުގައި ހިމެނޭ އީރާނުގެ ދަށުގައި އޮންނަ 38 ރަށެއްގައި އެމީހުން ހަރަކާތްތެރިވާކަމަށް އަންދާޒާކުރެވެއެވެ. އަދި ހަމަލާދޭން ބޭނުންކުރާ ބޯޓުފަހަރު ބެހެއްޓުމަށް ރަނގަޅަށް ފޮރުވިފައިވާ އެހާމެ ބޮޑަށް ރައްކާތެރިކޮށްފައިވާ 10 ބޭސްއެއް ގާއިމުކޮށްފައިވެއެވެ.
އާއްމުކޮށް މުނިފޫހިފިލުވުމަށް ބޭނުންކުރާ ކުދިކުދި އުޅަނދުފަހަރުގއި ރޮކެޓު ލޯންޗަރާއި މެޗިން ގަންތައް ހަރުކޮށް އީރާނުން ބޭނުންކުރަމުންދާކަމަށް ކަނޑުގެ އަސްކަރީ ކަންކަން ދިރާސާކުރައްވާ ބޭފުޅުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފަައިވެއެވެ. އަދި ފާއިތުވި އަހަރުތަކުގައި އީރާނުންވަނީ އެ ގައުމުގެ އިސްތިރާޖީ ބޭނުންތަކަށް ފެތޭ ގޮތަށް ކުދި ބޯޓުފަހަރާއި ކުދި ސަބްމެރިންތަކާއި ކަނޑުގައި ދުއްވާ ޑްރޯންފަހަރު ފަރުމާކޮށް އުފައްދާފައެވެ. މި ބޯޓުފަހަަރަކީ ވަރަށް ގިނަ ފަހަރަށް ގަޑިއިރަކު 115 މޭލު ބާރުމިނުގައި ދަތުރުކުރާ އުޅަނދުފަހަރެވެ.
އަދި ފާރަވެރިންގެ ކަނޑުގެ ލަޝްކަރުންވަނީ ކުރިން ބޭނުންކުރަމުންއައި އުޅަނދުފަހަރަށްވުރެ ބޮޑު އެއަށްވުރެ ވަރުގަދަ އުޅަނދުފަހަރު އުފައްދާފައެވެ. އެއިން ވަރަށްް ގިނަ އުޅަނދުފަހަރު މި ހަނގުރާމައިގަ ނެތިކޮށްލާފައިވާކަމަަށް ދިފާއީ ތަހުލީލުތައް ހަދާ ޖޭންސް ކުންފުނީގެ މެރިޓަައިމް ދާއިރާގެ މާހިރު އެލެކްސް ޕާޕެ ވިދާޅުވެފައިވެއެވެ. އެ ހަމަލާތަކުގައި ގެއްލުންވި އުޅަނދުފަހަރގެ ތެރޭގއި އީރާނުން ޑްރޯން ހަމަލާތައް ދިނުމަށް ބޭނުންކުރ އެންމެ ބޮޑު ކެރިއާ ޝާހިދެ ބަޣެރީ ހިމެނެއެވެ.
ކުދި ބޯޓުފަހަރާ ދެކޮޅަށް ބޭނުންކުރުމަށް އެމެރިކާގެ އަސްކަރީ ބޯޓުފަހަރުގައި މަތީ ފެންވަރުގެ ކެނޯންްތަކާއި، އެހެނިހެން ހަތިޔާރު ހުރި ނަމަވެސް ވިޔަފާރި އުޅަނދުފަހަރުގައި މިފަހަދަަ އެއްވެސް ވަސީލަތެއް ނުހުންނާނެއެވެ. މިހާތަނަށް އީރާނުން ބައިވަރު ކުދި ބޯޓުފަހަރު އެއްފަހަރާ ބޭނުންކޮށްގެން ހަމަލާއެއްދީފައިނުވާކަން އެމެރިކަން އެންޓަޕްރައިސް އިންސްޓިޓޫޓްގެ އީރާނު ކަންކަން ދިރާސާކުރައްވާ ހަބީރު ނިކޮލާސް ކާލް ވިދާޅުވިއެވެ.
އީރާނުގެ ބޯޓުފަހަރަށްް ހޮރްމުޒު ކަނޑުއޮޅިން ހުރަސްނުކުރެވޭ ގޮތަށް އެމެރިކާއިން އެ ކަނޑުއޮޅި ބަންދުކުރި ނަމަވެސް އެމެރިކާގެ އންމެ ވަރުގަދަ ހަނގުރާމަމަތީ ބޯޓުފަހަރުވެސް ހޮރްމުޒް ކަނޑުއޮޅި ކައިރީ ޕެޓުރޯލުކުރަމުންނުދާކަން ސެޓެލައިޓު ފޮޓޯތަކުން އެނގެއެވެ. އެއީ ކަނޑުއޮޅި ކައިރިިން އުޅަނދުފަހަރުގެ މިސްރާބު ބަދަލުކުރަން އުދަގޫވުމާއި، ޑްރޯނު ނުވަތަ މިސައިލު ހަމަލާތަކުން ސަލާަމަތްވުމަށް އޮންނަ ޖާގަވެސް ކުޑަވުމުންނެވެ. އެހެންކަމުން އެމެރިކާއިން ބޭނުންވާ ގޮތަށް ހޮރްމުޒު ބަންދުކުރުމުގައި އެ ގައުމުގެ އުޅަނދުފަހަރު ހަރަކާތްތެރިވާނީ އޮމާނުގެ އައްސޭރި ކައިރިން އަރަބި ކަނޑުގައެވެ.
ފާރަވެރިންގެ ލަޝްކަރުގެ ކަނޑުގެ ސިފައިން އެމެރިކާއާއެކު ހަލީޖުގެ ކަނޑުގައި ވަރަށް ގިނަ ކުރިމަތިލުންތައް ހިންގާފައިވެއެވެ. އެޑްމިރަލް ރަގްހީޑް ނިއުޔޯކް ޓައިމްސްއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ 1990 ގައި އަދި 2000 ގެ ކުރީކޮޅުގައި ކުދި އުޅަނދުފަހަރު ހަލުއި ދުވެލީގައި އެމެރިކާގެ ހަނގުރާމަމަތީ ބޯޓުފަހަރާ މޭލެއްހައިމިން ކައިރިކުރުމަށްފަހު ކުއްލިއަކަށް އަނބުރާލާ ކަމަށެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ ތެރޭގައި ޑްރޯނު ޝާމިލުވުމުން އީރާނުގެ ހަމަަލާތަކުގެ ނުރައްކާ އެތައް ދަރަޖައެއް އިތުރުވެއްޖެއެވެ. ޑްރޯނަކި އަގުހެޔޮ އަދި ގިނަ ފަހަރަށް ރާޑަރު ނިޒާމުތަކުން ހޯދައިގަންނަން ދަތި އެއްޗެއްސެވެ. ނަމަވެސް ޑްރޯނު ބޭނުންކޮށްގެން ހަނގުރާމަ މަތީ ބޯޓުފަހަރަށް އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ދެވިދާނެއެވެ.
ފާރަވެރިންގެ ލަޝްކަރުގެ ކަނޑުގެ ސިފައިން އެމެރިކާއައި އެހެން ބާރުތަކާ ކުރިމަތިލައި ހަނގުރާމަކޮށްފައިވެއެވެ. އެގޮތުން 2016 ވަނަ އަހަރު އެ ލަޝްކަރުންވަނީ އެމެރިކާގެ ކުޑަ ދެ ބޯޓެއް އަުލައިގަނެފައެއެވެ. 10 ފަޅުވެރިން ހައްޔަރުކޮށް އެމީހުން ހައްޔަރުގައި ތިބި މަންޒަރުގެ ވީޑިޔޯ އާއްމުކުރިއެވެ.
މި ހަމަލާގައި އިސްކޮށް ހުންނެވި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ނަޒޭރީއަށް ބޮޑު އިހުތިރާމަކާއި ގަދަރެއް އީރާނުގައި ލިބުނެވެ. އަދި އޭނާގެ ޝަހުސިއްޔަތުން އިލްހާމުވެގެން "ދި ކޮމާންޑަރ"ގެ ނަމުގައި ފަަސް ސީޒަަނުގެ ޑްރާމާ ސިލްސިލާއެއް ތައްޔާރުކޮށް އީރާނުގެ ދައުލަތުގެ ޓީވީން ދައްކާފައިވެއެވެ.