ENGLISH

20 އޭޕްރީލު 2026

Advertisement

ކުލަގަދަ ރަސްމިއްޔާތަކަށްފަހު "އެމްޖޭއެސް ރާބަދި ޗެލެންޖް 2026" ފަށައިފި

16 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ފުރަތަމަ މެޗުގެ ކުރީން ވަ ރާފިޢު ދެ ޓީމުގެ ކުޅުންތެރިންނާ ސަލާން ކުރައްވަނީ. ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މާޅޮސްމަޑުލު އުތުރުބުރީގެ ރިސޯޓްތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، "އެމްޖޭއެސް ރާބަދި ޗެލެންޖް 2026" ރަސްމީކޮށް ފަށައިފިއެވެ.

ރ. އަތޮޅުގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބަޑިބޭހުގެ ހަރަކާތްތަކާއެކު އެ އަތޮޅު މީދޫގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި "އެމްޖޭއެސް ރާބަދި ޗެލެންޖް 2026" ގެ ޓްރޮފީ ދައްކާލާފައިވާއިރު، މި މުބާރާތުގައި ރޭ ވަނީ ދެ މެޗެއް ކުޅެފައެވެ. ޝަރަފުވެރި މެހެމާން ވަޒީރު، ރާފިޢު ވަނީ މި ދެ މެޗުވެސް ބައްލަވާލައްވައި، މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދެއްވާފައެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ މީދޫ އަށް ވަޑައިގަތުމުން ވެސް ވަޒީރު، ރާފިޢު އަށް ވަނީ އެ ރަށުން ހޫނު މަރުހަބާއެއް ކިޔާފައެވެ. 

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި އެމަރަލްޑް ފާރުފުށި ރިސޯޓް އެންޑް ސްޕާއާ މީދުއްޕަރު މޯލްޑިވްސް ބައްދަލުކޮށްފައިވާއިރު، މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. 

އެންމެ ފަހުގެ ޗެމްޕިއަން، ޖޯލި މޯލްޑިވްސްއާ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ބައްދަލުކުރި މެޗު ކާމިޔާބުކުރީ ޖޯލި މޯލްޑިވްސް އެވެ. މި މެޗުން އެ ޓީމު މޮޅުވީ 5-1 އިންނެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުގެ ތެރެއިން. ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

މި އަހަރުގެ މުބާރާތުގައި ރ. އަތޮޅުގެ އެކި ރިސޯޓުތަކުން ޖުމްލަ 14 ޓީމެއް ވަނީ ބައިވެރިވެފައެވެ. މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. މުބާރާތް ކުރިއަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ.

ރ. މީދޫގެ ތަރައްޤީއާއި، އިޖުތިމާޢީ ކަންކަމުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މީގެ 46 އަހަރުކުރިން އުފެއްދި މީދޫ ޖަމިއްޔަތުއް ޞަލާހްގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރާބަދި ޗެލެންޖަކީ ރާއްޖޭގެ ރަށެއްގައި އުފައްދާފައިވާ އަމިއްލަ ޖަމިއްޔާއަކުން ރިސޯޓްތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.

ރާބަދި ޗެލެންޖް އެންމެ ފުރަތަަމަ ބާއްވާފައިވަނީ 2019 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ފައިނަލުގައި ދިގަލި މޯލްޑިވްސް ވަނީ މީދުއްޕަރު 4-3 އިން ބަލިކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު