ENGLISH

10 އޭޕްރީލު 2025

Advertisement

ޔުނައިޓެޑުން ސިޓީ ބަލިކުރިއިރު، ޗެލްސީން ފަރަގު ކުޑަކޮށްފި

16 ޑިސެމްބަރު 2024

|

މުޙައްމަދު އަދުހަމް

ސިޓީއާ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ މެންޗެސްޓާރ ޔުނައިޓެޑް ފަހަތުން އަރައި މޮޅުވެއްޖެ އެވެ. އަދި ޗެލްސީން ތާވަލްގެ ކުރީގައި އުޅޭ ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ކުޑަކޮށްފައެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 2-1 އިންނެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ދެ މިނެޓުގެ ތެރޭގައެވެ. ޔުނައިޓެޑަށް މި ލަނޑުތައް ޖަހައިދިނީ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް އާއި އަމަޑް ޑިއާލޯ އެވެ. މީގެތެރެއިން، ފެނާންޑޭސް ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ސިޓީގެ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ޔޮޝްކޯ ގްވާޑިއޯލް އެވެ.

މި ނަތީޖާއާ އެކު ސިޓީ ވަނީ ތާވަލްގެ ފަސްވަނަ އަށް ވެއްޓިފައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.

ޗެލްސީގެ ކުކުރޭޔާ (ވ) އާއި ޖެކްސަން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު

މި މެޗުން މޮޅުވި ޔުނައިޓެޑް އޮތީ 13 ވަނައިގައެވެ. އެ ޓީމަށް 16 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ޗެލްސީ ވަނީ 2-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ މާކް ކުކުރޭޔާ އާއި ނިކޮލަސް ޖެކްސަން އެވެ. ބްރެންޓްފޯޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބްރަޔަން އެމްބުއެމޯ އެވެ.

މި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކުކުރޭޔާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ އެއްކުޅުންތެރިއަކު މަދުކޮށެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޓޮޓްނަމް ހޮޓްސްޕާ ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު