ENGLISH

11 އޭޕްރީލު 2026

Advertisement

ހަނގުރާމަ މެދުކަނޑައިލިފަހުން ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރީ ގިނައިން އީރާނާ ގުޅުން އޮތް އުޅަނދުފަހަރު

11 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ހޮރްމުޒު ކަނޑުއޮޅި ހުރަސްކުރަން ތައްޔާރުވެފައިވާ ޗައިނާއާ ގުޅުން އޮތް އުޅަނދެއް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނުގެ މެދުގައި އެއްބަސްވުމަށްފަހު ފާއިތުވި ދުވަަސްތަކުގައި ހޮރްމުޒު ކަނޑުއޮޅި ހުރަސްކުރި އުޅަނދުތަކުގެ އަޣުލަބިއްޔަތަކީ އީރާނާ ގުޅުން އޮތް އުޅަނދުތައްކަން ފައިނޭންޝަލް ޓައިމްސްގެ ހޯދުންތަކުން އެނގިއްޖެއެވެ. 

އެ ނޫހުން ޝައިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ހަމަލާތައް ހުއްޓައިލުމާ ހަމައިން އޭޕްރީލު މަހުގެ ދިހަވަނަ ދުވަހުގެ ނިޔަލަށް ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރީ 14 އުޅަނދެކެވެ. އެއިން ނުވަ އުޅަނދަކީ އީރާނުގެ ބަނދަރުތަކުގައި މަޑުކުރުމަށްފަހު ދަތުރުކުރި ނުވަތަ އީރާނުގެ ދިދައިގަ ދަތުރުކުރަމުންދާ އުޅަނދުތަކެވެ. 

އީރާނާ ގުޅުން އޮތް އުޅަނދުތަކުގެ ތެރެއިން އެއް އުޅަނދަކީ ރަޝިޔާގެ ދިދައިގަ ދަތުރުކުރާ ތެޔޮ ޓޭންކަރެކެވެ. މިއީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަަވަޅުތައް ފޫދުއްވާލައި ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް އީރާނުގެ ތެޔޮ ބޭރުކޮށްދޭ "ހިޔަނި ފުލީޓު"ގައި ހިމެނޭ އުޅަނދެއްކަމަށް ފައިނޭންޝަލް ޓައިމްސް ނޫހުން ރިޕޯޓުކުރެއެވެ. 

ހަމަލާ ބަދަލުކުރުން ހުއްޓައިލިފަހުންވެސް އީރާނުންދަނީ މި ހުތޫރަތްތެރި ކަނޑުއޮޅީގެ މައްޗަށް ފުރިހަމަ ބާރުވެރިކަން ހިންގަމުންނެވެ. އެއީ ދުނިޔޭގެ ތެލުގެ ހަތަރު ބައިކުޅަ އެއްބައި އެ ކަނޑުއޮޅިއެއް ހުރަސްކުރަންޖެހޭ ތަނެކެވެ. ހަލީޖުގައި 900 އެއްހައި މުދާ އުފުލާ ބޯޓު ސަލާމަތްތެރިކަން ކަށަވަރުނުވާތީ ތާށިވެ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރެވޭނެ ވަގުތެއްގެ އިންތިޒާރުގައި ހުރިކަމަށް އެކި މަސްދަރުތަކާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

ހަނގުރާމ ފެށުމުގެ ކުރިން ދުވާލެއްގެ މައްޗަށް 140 ވަރަކަށް އުޅަނދު މި ކަނޑުއޮޅި ހުރަސްކުރަމުންދިޔައެވެ. ހަނގުރާމައާއެކު ކަނޑުއޮޅި ބަންދުކޮށް އީރާނުންވަނީ ހަލީޖުން މުދާ ނުކުންނަ މައިގަނޑު ދޮރާށީގައި ތަޅުއަޅުވާފައެވެ. 

ހަނގުރާމަ މެދުކަނޑައިލުމަށް އެއްބަސްވެވުމާއެކު، އީރާނުންވަނީ ވިޔަފާރީގެ ބޭނުންތަކަށް ހޮރްމުޒްް ކަނޑުއޮޅި ހުޅުވައިލެވިފައިވާކަން އިއުލާނުކޮށްފައެވެ. ނަމަަވެސް އެއާއެކު އީރާނުންވަނީ އުޅަނދުފަހަރު ހުރަސްކުރުމުގެ ކުރިން އީރާނުގެ އިސްލާމިކް ރިވޮލޫޝަނަރީ ގާޑް ކޯއަށް އެކަން އަންގައިދިނުމަށް އެދިފައެވެ. 

ނިމުނު ޖުލައި މަހުގައި އެމެރިކާއިން ކުށްވެރިކޮށް ފިޔަވަޅުއަޅާފައިވާ ރަޝިޔާގެ ދިދައިގަ ދަތުރުކުރަ ސުޕަޓޭންކަރު އަރިމިޑާ ބުރާސްފަތިދުވަހު ހަވީރުވަނީ އީރާނުގެ އައްސޭރި ކައިރިން ހޮރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައެވެ. މި އުޅަނދާމެދު އެމެރިކާއިން ފިޔަވަޅުއެޅީ އީރާނުގެ އެތައް މިލިއަން ތެޔޮ ފީފާއެއް ބައިނަލްއަގުވާމީ ބާޒާރަށް ނެރުމަށް އެ އުޅަނދު ބޭނުންކުރާ ކަމުގެ ތުހުމަތުގައެވެ. 

އުޅަނދުފަހަރު އޮޕަރޭޓުކުރާ ކުންފުނިތަކާއި ބްރޯކަރުން އަންނަނީ އީރާނުގެ އިސްލާމިކް ރިވޮލޫޝަން ކޯއިން އާއްމުކޮށްފައިވާ ޗާޓެއް ކަމުގައި ބުނާ ޗާޓެއް ފަތުރަމުންނެވެ. އެ ޗާޓުގައި ހޮރުމުޒު ކަނޑުއޮޅި ހުރަސްކުރުމަށް ބޭނުންކުރެވޭނެ މަގުތައް ބަޔާންކޮށްފައިވެއެވެ. 

އީރާނުގެ ހަކަތަ ބޭރުކުރުމާ ގުޅޭ ޔޫނިއަނުން ބުދަދުވަހު ބުނެފައިވަނީ ހޮރްމުޒު ކަނޑުއޮޅި ހުރަސްކުރާ ކޮންމެ ތެޔޮ ޓޭންކަރަކުން ދެ މިލިއަން ޑޮލަރގެ ފީއެއް ނެގުމަށް އީރާނުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ކަނޑުއޮޅި ހުރަސްކުރި ހުރިހާ އުޅަނދަކުން މިފަދަ ފީއެއް ނަގާފައިނުވާކަން ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދިން ފަަރާތްތަކާ ހަވާލާދީ އެ ނޫހުން ހާމަކޮށްފައިވެއެވެ. 

އެގޮތުން އީރާނުގެ މަސްއޫލުވެރިޔަކު ނަން ހާމަނުކުރުން ޝަރުތުކޮށް ފައިނޭންޝަލް ޓައިމްސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ ހޮރްމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ފީއެއް ނެގުމުގެ ހައްގު އެ ގައުމަށް އޮންނާނެ ކަމުގައި އީރާނުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް އެ ގައުމާ ގާތް ގުޅުމެއް އޮންނަ ގައުމުތަކުން ފީއެއް ނުނެގުމަކީވެސް އެ ގައުމަށް ލިބިފައިވާ ހައްގެއް ކަމުގައި އީރާނުން ދެކެއެވެ. 

ޖަޕާނާއި އިންޑިޔާއާ ގުޅުންހުރި ބައެއް އުޅަނދުތައް ހޮރްމުޒް ހުރަސްކޮށްފައިވާއިރު އެ އުޅަނދުތަކުން ފީއެއް އީރާނުން ނަގާފައިނުވެއެވެ. ޖަޕާނުގެ މިޓްސުއި އޯއެސްކޭ ލައިންސްގެ ދިޔައި ތަބީއީ ގޭސް އުފުލާ އުޅަނދެއް ފާއިތުވި ހަފުތާގައި ހޮރްމުޒް ހުރަސްކުރިއެވެ. އިންޑިޔާގެ ދިދައިގަ ދަތުރުކުރާ ގޭސް އުފުލާ ދެ އުޅަނދެއް އެ ކަނޑުއޮޅި ހުރަސްކުރިއެވެ. 

އީރާނާ މަޝްވަރާކުރުމުގައި ދެމިއޮތް އިންޑިޔާ ސަރުކާރުން ބުނެފައިވަނީ އެ ގައުމުގެ އުޅަނދުތައް ހޮރްމުޒް ހުރަސްކުރުމުގެ ބަދަލެއްގެ ގޮތުގައި އީރާނަށް ފައިސާ ދައްކާފައިނުވާ ކަމަށެވެ. އަދި އީރާނުން އެ އުޅަނދުތަކުން ފީއެއް ނެގުމާމެދު އެ ގައުމާ މަޝްވަރާވެސް ކޮށްފައިނުވާ ކަމަށް އިންޑިޔާ ސަރުކާރުން ބުނެއެވެ. 

މި ތަފުސީލުތަކަށް ބަލާއިރު ހަނގުރާމަ މެދުކެނޑި ނަމަވެސް ހޮރްމުޒް ކަނޑުއޮޅި ހުޅުވައިލުމަށް އީރާނު އަދި އޮތީ ތައްޔާރަކަށް ނޫނެވެ. އަދި އީރާނަށް ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަނެ އަލުން ގައުމު އާރާސްތުކުރަންޖެހިފައިވާ މި ދަނޑިވަޅުގައި އީރާނަށް އާމްދަނީ ހޯދުމަށް އެ ކަނޑުއޮޅި ބޭނުންކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މުހައްލިލުން ދެކެވަޑައިގަންނަަވަައެވެ. އީރާނާ ރަހުމަތްތެރި ގައުމުތަކަށް ލުއިތަކެއް ދިނުމާއެކު، އީރާނާމެދު ދުޝްމަންކަން ގެންގުޅެ ހުޅަނގުގެ ސިޔާސަތުތަކާ އެއްގޮތަށް ހާރިޖީ ގުޅުންތައް ތަންފީޒުކުރާ ގައުމުތަކާމެދު ހަރުކަށި އުސޫލަކުން އީރާނުން އަމަލުކުރުމުގެ ފުރުސަތު އޮތްކަން ފައިނޭންޝަލް ޓައިމްސް ނޫހާ ވާހަކަދެއްކެވި ތަޖުރިބާކާރުން ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު