ENGLISH
11 އޭޕްރީލު 2026
ފުރަތަމަ ތިން މަހު ދައުލަތަަށް ލިބުނު ބޭރު ފައިސާ 16 އިންސައްތަ އިތުރުވެއްޖެ
11 އޭޕްރީލު 2026
|
ފޮޓޯ: ސައްތަ
އެންމެ މަޤްބޫލު
މި އަހަރުގެ ފުރަތަމަ ތިން މަހު ދައުލަތަށް ބޭރު ފައިސާއިން ލިބުނު އާމްދަނީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރު ފައިސާއިން ލިބުނު އާމްދަނީއަށްވުރެ 16 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކަައިފިއެވެ.
މީރާއިން އާއްމުކޮށްފަައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި މާޗު މަހުގެ ނިޔަލަަށް 410.3 މިލިއަން ޑޮލަރު ލިބުނެވެ. 2025 ވަނަ އަހަރު ޓެކުހުގެ ގޮތުގައި އެ މުއްދަތުގައި ބޭރު ފައިސާއިން ލިބުނު އާމްދަނީއަކީ 332.1 މިލިއަން ޑޮލަރެވެ. އެހެންކަމުން މި އަހަރުގެ އެ މުހުލަތުގައި ލިބުނު ބޭރު ފައިސާގެ އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު 23.5 އިންސައްތަ އިތުރުވެފައިވެއެވެ.
ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ގިނައިން ބޭރު ފައިސާ ލިބުނީ ޓީޖީއެސްޓީގެ ގޮތުގައެވެ. ޓީޖީއެސްޓިގެ ގޮތުގައި 269.5 މިލިއަން ޑޮލަރު ލިބުނުއިރު، ގްރީން ޓެކުހުގެ ގޮިތުގައި 47.7 މިލިއަން ޑޮލަރު ލިބުނެވެ. އަދި އާމްދަނީން ނަގާ އެކި ބާވަތުގެ ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން 56.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޑިޕާޗާ ޓެކުހުގެ ގޮތުގައި 36.6 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޑޮލަރުގެ އާމްދަނީއަކީ 102.1 މިލިއަން ޑޮލަރެވެ. ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ ތެރެއިން އެންމެ ގިނައީ ޑިޕާޗާ ފީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޑިޕާޗާ ފީގެ ގޮތުގައި 37.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ޓޫރިޒަަމްގެ ބޭނުމަށް ދޫކުރި ބިންތަކުގެ ލޭންޑް އެކުއިޒިޝަން ފީގެ ގޮތުގައި 20.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އަދި ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 6.6 މިލިއަން ޑޮލަރު ލިބުނެވެ. ޓޫރިޒަމަށް ދޫކޮށްފަައިވާ ބިންތަކުގެ ކުލީގެ ގޮތުގައި އެ މުއްދަތުގައި 35.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ.
ޖުމްލަ 512.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް މި އަހަރުގެ ފުރަތަމަ ތިން މަހު ބޭރު ފައިސާއިން ލިބުނެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީއަކީ 441.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު ބޭރު ފައިސާައިން ލިބުނު އާމްދަނީވަނީ 16 އިންސައްތަ އިތުރުވެފައެވެ.
ބޭރު ފައިސާއިން ލިބުނު އާމްދަނީ އިތުރުވިއިރު ޖުމްލަ އާމްދަނީވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނިމުނު އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ 9.5 ބިލިއަން ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 11.27 ބިލިއަނަށް އިތުރުވެފައެވެ. އެއީ 18 އިންސައްތައިގެ އިތުރުވުމެކެވެ.