ENGLISH
28 ޖުލައި 2026
ޖަޕާނުގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކެއް ވެއްޓި ބައެއް މީހުން ގެއްލިއްޖެ
28 ޖުލައި 2026
|
ޖަޕާނުގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ އިމާރާތެއް. --ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ޖަޕާނުގެ ދެކުނުގައި އޮންނަ ކުމަމޯޓޯ ސިޓީ އަށް މިއަދު އައި 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ގެއަކުން ކަރަންޓު ކެނޑި، މަގުތައް ހަލާކުވެ، ބައެއް އިމާރާތްތައް ވެއްޓި، ގިނަ ބަޔަކު ތާށިވެއްޖެއެވެ.
މި ބިންހެލުމުގެ ސަބަބުން "އިއޯން މޯލް" ގެ ބައެއް ބައިތައް ވެއްޓިފައިވާއިރު، އެތަނުގައި މަސައްކަތްކުރާ ބައެއް މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
މި ހާދިސާއާ ގުޅޭގޮތުން ޓޯކިޔޯގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ސަނޭ ޓަކައިޗީ ވިދާޅުވީ، މީގެ ދިހަ އަހަރު ކުރިން ވެސް ނުރައްކާތެރި ބިންހެލުމެއްގެ އަސަރުކުރި އެ ސަރަހައްދަށް މިފަހަރު ލިބުނު ގެއްލުންތައް ކަމާބެހޭ ފަރާތްތަކުން ބަލަމުންދާ ކަމަށެވެ.
"މީހުންނަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިހާރު ވެސް ވަނީ ލިބިފައި. ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ގޮވުންތައް ގޮވައި، އަލިފާނުގެ ހާދިސާތައް ހިނގާފައިވާއިރު، މަގުތަކާއި ފާލަންތަކަށް ގެއްލުންވެ، ބައެއް އިމާރާތްތައް ވަނީ ވެއްޓިފައި." ބޮޑުވަޒީރު ޓަކައިޗީ ވިދާޅުވިއެވެ.
ޖަޕާނުގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދެއް. --ފޮޓޯ: ރޮއިޓަރސް
މި ދަނޑިވަޅުގައި ހުރިހާ އެންމެންވެސް ރައްކާތެރި ހިސާބުތަކަށް ގޮސް އެމީހެއްގެ އަމިއްލަ ނަފްސުގެ ސަލާމަތަށްޓަކައި ކުރެވެން ހުރި މަސައްކަތްތަކެއް ކުރުމަށް ބޮޑުވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ކުމަމޯޓޯ ސަރަހައްދުގައި ހުރި އެންމެ ބޮޑު ޝޮޕިންގ މޯލަށް ބިންހެލުމުގެ ސަބަބުން ލިބުނު ލޮޅުމާއެކު ހިނގި ގޮވުމަކާ ގުޅިގެން، އެތަނުގައި މަސައްކަތްކުރާ 20 އާއި 30 އާ ދެމެދުގެ އަދަދަކަށް މީހުން ގެއްލިފައިވާ ކަމަށް އެންއެޗްކޭ އިން މައުލޫމާތުދެއެވެ. މި ހާދިސާއާ ގުޅިގެން ފަޔަރ ސަރވިސް އިން މީގެ ކުރިން ބުނެފައިވަނީ މޯލްގެ ތެރޭގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމަށެވެ.
ކިއުޝޫ އިލެކްޓްރިކް ޕަވަރއިން ހާމަކުރި ގޮތުގައި މި ބިންހެލުމުގެ ސަބަބުން 48،000 ގޭބިސީއަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައެވެ. އަދި ރޭލު ދަތުރުފަތުރުގެ ހިދުމަތް ދޭ ޖޭއާރު ކިއުޝޫ ކުންފުނިން ވަނީ "ބުލެޓް ޓްރެއިން" ގެ ހިދުމަތް ހިމެނޭހެން ހުރިހާ ދަތުރުތަކެއް މެދުކަނޑާލާފައެވެ. މީގެ އިތުރުން، ކުމަމޯޓޯ އެއާޕޯޓުގެ ރަންވޭ ބަންދުކުރުމާ ގުޅިގެން، ބައެއް ފްލައިޓްތައް ކެންސަލްކޮށް، އަނެއްބައި ފްލައިޓްތައް ވަނީ އެހެން އެއާޕޯޓުތަކަށް ޑައިވާޓްކޮށްފައެވެ.
ޓެލެކޮމް އޮޕަރޭޓަރުން ކަމަށްވާ ކޭޑީޑީއައި އަދި ޑޮކޯމޯއިން ބުނި ގޮތުގައި، ކަރަންޓު ކެނޑުމާއި މުވާސަލާތީ ލައިންތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މޮބައިލް ފޯނުގެ ހިދުމަތަށް ވަނީ ބުރޫއަރާފައެވެ. ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފައިވަނީ އެ ސަރަހައްދުގައި ހުރި ނިއުކްލިއަރ ޕަވަރ ސްޓޭޝަންތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވި ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ.
ޖަޕާނުގެ ދެކުނަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ގެއްލުން ލިބިފައިވާ އިމާރާތެއް. --ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގެ އެޕިސެންޓަރ ކަމަށްވާ، ކުމަމޯޓޯ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ދުރުގައި އޮންނަ ކިއުޝޫގައި ގާތްގަނޑަކަށް 700،000 މީހުންގެ އާބާދީއެއް އޮންނައިރު، މި ބާރުގަދަ ބިންހެލުމަށްފަހު އަންނަ ލޮޅުންތައް މެދުނުކެނޑި އިހުސާސް ކުރެވެމުންދާ ޖަޕާނުގެ ކިއުޝޫގެ ގާތްގަނޑަކަށް 300,000 މީހުންނަށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް ވަނީ އަންގާފައެވެ. އަދި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެތައް ސަތޭކަ ސިފައިންނެއް މިހާރު ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.
ޖަޕާނަށް މިއަދު އައި ބިންހެލުމާ ގުޅިގެން ވަގުތުން ނެރުނު ސުނާމީގެ އިންޒާރު، ފަހުން ވަނީ އުވާލާފައެވެ. އެހެންނަމަވެސް، ބިންހެލުމުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި ސަރަހައްދުތަކަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައިވެސް އިތުރު ބިންހެލުންތައް އައުމުގެ ނުރައްކާ އޮތުމާއެކު އެ ހިސާބުތަކުގެ ރައްޔިތުން އެލާޓްގައި ތިބުމަށް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ.
މީގެ ދިހަ އަހަރު ކުރިން ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި 275 މީހުން މަރުވެ، 2،739 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އެ ފަހަރުގެ އެ ބިންހެލުމުގައި އެތައް ހާސް އިމާރާތަކަށް ގެއްލުން ލިބުނުއިރު، އޭގެ ތެރޭގައި އެ ސަރަހައްދުގައި ހުންނަ މަޝްހޫރު ފަތުރުވެރި މަންޒިލެއް ކަމަށްވާ ކުމަމޯޓޯ ކާސަލް ވެސް ހިމެނެއެވެ. މިފަހަރުގެ ބިންހެލުމުގައި ވެސް އެ ގަނޑުވަރުގެ ފާރުގެ ބައެއް ބައިތައް ވެއްޓިފައިވާ ކަމަށް އެތަނުގެ އޮފިޝަލަކު ބުނެފައިވެއެވެ.