ENGLISH

28 ޖުލައި 2026

Advertisement

ސަޢޫދީއަށް ދޭން އުޅުނު ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

28 ޖުލައި 2026

|

ޢަލީ ޝަހީމް

ސަޢޫދީ އަރަބިއްޔާއަށް ޑްރޯން ބޭނުންކޮށްގެން ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. 

ޚާރިޖީ ވުޒާރާއިން މިއަދު އާންމުކުރި ބަޔާނުގައި ބުނީ، ސަޢޫދީ އަރަބިއްޔާގެ ރިޔާދާއި އިރުމަތީ ޕްރޮވިންސްގައިވާ ތެޔޮ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށްގެން ދޭން އުޅުނު ނުރައްކާތެރި ހަމަލާތައް ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

ބަޔާނުގައި ބުނީ، މި އަމަލަކީ ސަޢޫދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިޤްލާލަށް އަރައިގަތުމަށް ހިންގި ފާޅުކަން ބޮޑު އަމަލެއް ކަމަށެވެ. އަދި މިއީ މުޅި ސަރަޙައްދީ ސުލްޙައާއި، ސަލާމަތާއި، ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ރާއްޖޭން ދެކޭކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. 

ޚާރިޖީ ވުޒާރާއިން ބުނީ، ސަޢޫދީ އަރަބިއްޔާއަށް ގެއްލުން ދިނުމަށް ރާވަމުން އަންނަ މިފަދަ ކަންކަމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުޞޫލުތަކާއި ހިލާފުކަމެއް ކަމަށެވެ.

ރާއްޖެ އަބަދުވެސް އޮންނާނީ އެކުވެރިކަމާއެކު ސަޢޫދީ އަރަބިއްޔާގެ ސަރުކާރާއި، ސަޢޫދީ އަރަބިއްޔާ ރައްޔިތުންނާއި އެކުގައިކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި، ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓައި ރައްކާތެރިކަމަށް ސަޢޫދީ އަރަބިއްޔާއިން ކުރާ މަސައްކަތްތަކާއި، އަޅާ ފިޔަވަޅުތަކަށް ރާއްޖޭން ފުރިހަމައަށް ތާއީދުކުރާކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު