ENGLISH
28 ޖުލައި 2026
އިޓަލީގެ ކޯޗުކަން އެންމެ ފަހުން މަންޗިނީއަށް
28 ޖުލައި 2026
|
އިޓަލީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
އިޓަލީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ، އަލުން އެ ޤައުމުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަންޗިނީ މި މަޤާމާ ހަވާލުވަނީ، ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގައި ބޮސްނިއާ އަތުން ބަލިވުމާ ގުޅިގެން މިދިޔަ އޭޕްރީލް މަހު މަޤާމުން ވަކިވި ޖެނާރޯ ގަޓޫސޯގެ ބަދަލުގައެވެ. މި ބައްޔާއެކު ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިނުވެ ވަނީ ކަޓާފައެވެ.
އިޓަލީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޖިއޮވާނީ މަލަގޯ ވަނީ ފެޑެރަލް ކައުންސިލްގެ ބައްދަލުވުމެއްގައި މަންޗިނީ އައްޔަންކުރިކަން އިއުލާންކުރައްވާފައެވެ. އޭނާ ވިދާޅުވީ، "މިހާރުގެ ކޯޗަކީ މަންޗިނީ" ކަމަށެވެ.
އުމުރުން 61 އަހަރުގެ މަންޗިނީ އަކީ 2021 ވަނަ އަހަރު އިޓަލީއަށް ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗެވެ. އޭނާގެ ފުރަތަމަ ދައުރުގައި އިޓަލީގެ ޓީމަށް 58 މެޗުގައި އިރުޝާދުދީފައިވާއިރު، ކުލަބު ފެންވަރުގައި އޭނާ ވަނީ އިންޓަރ މިލާން، ފިއޮރެންޓީނާ އަދި މެންޗެސްޓަރ ސިޓީއަށް ކޯޗުކަން ކޮށްދީފައެވެ. ސިޓީގައި ހޭދަކުރި ތިން އަހަރުގެ ތެރޭގައި، 2011/12 ވަނަ އަހަރު އެ ކުލަބަށް ފުރަތަމަ ފަހަރަށް އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބުކޮށްދިނީވެސް އޭނާއެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި ޕައޮލޯ މަލްޑިނީ އާއި އެޑްވައިޒަރު ލިއޮނާޑޯ ވަނީ އިއްޔެ މަގާމުން އިސްތިއުފާދީފައެވެ. އެ މީހުން އިސްތިއުފާދިނީ ކޯޗުކަމަށް އެންމެ ބޭނުންވި އަންދްރެއާ ޕިރްލޯ، ރަޝިއާގެ ބެޓިން ކުންފުންޏަކާ ގުޅުން އޮތް ކަމަށް ބުނެ އޭނާ އެ މަގާމަށް އައްޔަންކުރުން ހުއްޓުވުމާ ގުޅިގެންނެވެ.
އިޓަލީގެ ޤައުމީ ޓީމާ ހަވާލުވުމަށް ފެޑެރޭޝަނުން އެންމެ ފުރަތަމަ އިސްކަންދިން މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ މި މަހުގެ ކުރީކޮޅު އެ ހުށަހެޅުމަށް އިންކާރުކޮށްފައެވެ.