ENGLISH
11 އޭޕްރީލު 2026
މިދެން ތަންކޮޅެއް ބޮޑުވަރު، ސަހަލު އެންމެ ބޯޑެއް ވެސް ނެތީއޭ
11 އޭޕްރީލު 2026
|
ނާޖިހު ދީދީ، ބޯޑްތަކުގައިވާ ކުށްތައް ފާހަގަކޮށްފައި
އެންމެ މަޤްބޫލު
މޭޔަރު އާދަމް އާޒިމްގެ ބެލުމުގެ ދަށުން ބޮޑުއަގު ދީފައި މާލޭގެ މަގުތަކުގައި ހަރުކުރި ގިނަ ބޯޑުތަކުގައި މަގުތަކުގެ ނަންތައް ދިވެހި ބަހުންނާއި ލެޓިނުން ވެސް ނުބައިކޮށް ލިޔެފައި ހުރުމުން ބަހުގެ ބޭފުޅުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަގުތަކުގައި ހަރުކުރި ނަންބޯޑްތަކުގައި ނުބައިކޮށް ލިޔެފައި ހުރުމުން އެތައް ބަޔަކު ފާޑުކިޔާފައިވެ އެވެ. އެ ބޯޑްތަކުގައި ހުރި އިތުރު މައްސަލަތައް ފާހަގަކޮށް ބަހުގެ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ ވިދާޅުވީ ސަހަލު އެންމެ ބޯޑެއް ވެސް ނެތް ކަމަަށެވެ.
ބޯޑްތަކުގައިވާ މައްސަލަތައް ވެސް ފާހަގަކުރައްވާފައިވެ އެވެ.
ނާޖިޙު ވިދާޅުވީ މިއީ ބޮޑުވަރު ކަމަށެވެ.
“މިއީ ދެން ތަންކޮޅެއް ބޮޑުވަރު ކަންނޭނގެ. ޚަރަދުކޮށްގެން ކުރާ މިފަދަ ކަންކަން ރަނގަޅަށް ބަލަންޖެހޭނެ. މި ގޮތަށް ކުށްހުރި ކިތަންމެ ބޯޑެއް އަދިވެސް ހުންނާނެކަން ޔަގީން،” ނާޖިޙުގެ ސްޓޭޓަސް ގައި ލިޔުއްވާފައިވެ އެވެ.
ކުރީގެ ވަޒީރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ކޮންމެ މުއައްސަސާއެއްގައި ވެސް ވަރުވަރުން ވެރީން ތިއްބަވާއިރު މިދަރަޖައަށް ކަންކަން ދިއުމަކީ ދެރަވަރު ކަމެއް ކަމަށެވެ.
ދިވެހި ބަސް ލިޔުމާއި ލެޓިނުން ލިޔުމުގައި ވެސް ޤަވާއިދުތަކެއް އޮންނަ ކަމަށާ މަގުމަތީން ފެންނަ މިފަދަ ރަސްމީ ބޯޑްތަކުގައި މިފަދައިން ލިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެކަމާއި ގުޅިގެން އެތައް ބަޔަކު ދަނީ އާޒިމާއި މާލެ ސިޓީ ކައުންސިލަށް ފާޑުކިޔަމުންނެވެ. އަދި ބޮޑު އަގު ދީފައި މިފަދަ ކަންކަން ކުރުވާފައިވުމާއި ބަލައިނުލައި އެ ބޯޑްތައް ހަރުކުރުމާއި ޤާބިލް ނޫން ފަރާތްތަކަށް މަސައްކަތް ހަވާލުކުރާ ކުރުން ފާހަގަކޮށް ފާޑުކިޔާފައިވެ އެވެ.
އެމްކިއުއޭގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާން ވަނީ މިއީ "ދިވެހި ބަހަށް ކުރަފިއެރުވުމުގެ" ހުތުރު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ހަންނާން ވަނީ މިހާރުން މިހާރަށް މި ބޯޑްތައް ނަގަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ސިޓީ ކަައުންސިލްގައި ތަންދޮރު ދަންނަ މީހުން ނޫޅެނީތޯ ސުވާލު ކުރެއްވި އެވެ.
ބަހުގެ ތަޖުރިބާކާރެއް ކަމަށްވާ އިމާދު ލަތީފް ވެސް އެކަން ކުށްވެރި ކުރައްވާފަ އެެވެ. އަދި އެ ނޫންވެސް އެތައް ބަަޔަކު ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. ބައެއް މީހުން ވަނީ މިކަމުގައި ކުށްވެރިވާނީ މޭޔަރު އާޒިމްތޯ ނޫނީ ބޯޑްތައް ހަރުކުރި ބަންގްލަދޭޝްގެ މަސައްކަތްތެރީންތޯ ސުވާލުކޮށްފަ އެވެ.
ސިޓީ ކައުންސިލްގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު މިކަމުން ހާމަވާ ކަމަށް ބުނެ އެތައް ބަޔަކު ވަނީ އާޒިމަށް ފާޑުކިޔާފަ އެވެ. އަނެއް ބަޔަކު ވަނީ އަނެއްކާވެސް ބަޔަކަށް ބޮޑު އަގު ދީގެން އެކަންކަން ރަނގަޅު ކުރާނީތޯ ސުވާލުކޮށްފަ އެވެ. މިއީ ގަސްތުގަައި ރޭވިގެން ދައުލަތުގެ ފައިސާ ވަކި ބަޔަކަށްދޭން ކުރާ ކަންކަން ކަމުގައިވެސް ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.