ENGLISH

11 އޭޕްރީލު 2026

Advertisement

ދެބަސްވުންތައް ހައްލުވެއްޖެކަމަށް ވިދާޅުވެ ނަޝީދު ޝުކުރު އަދާކުރެއްވި ލިސްޓުގައި ޣަފޫރެއް ނެތް!

11 އޭޕްރީލު 2026

|

ޝިފްޒާން އަޙްމަދު

ކުރީގެ ދެ ރައީސުންނާއި އެމްޑީޕީގެ ޗެއާޕާސަން ޣަފޫރު، ފޮޓޯ: ސަން

ނިމިދިޔަ ލޯކަލް ކައުންސިލު އިންތިހާބުގެ ނަތީޖާއާއެކު އެމްޑީޕީން އުފާ ފާޅުކުރުމަށް މާލެ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވާނެ ބޭފުޅުން ކަނޑައެޅި ގޮތާމެދު ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދުނު ދެބަސްވުންތައް ހައްލުކުރެވިފައިވާކަން ފާހަގަކުރައްވައި، ޕާޓީގެ ބައެއް ވެރިންނަށް ޝުކުރު އަދާކުރެއްވިއިރު، އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލްޣަފޫރު މޫސާއަށް ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާނުކުރެއްވިއެވެ. 

މި ދެބަސްވުން އުފެދުނީ އެ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދައްކަވަން ފުރުސަތު ނުދީގެންނެވެ. ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވި ގޮތުގައި ކުރިން އޮތީ ނަޝީދަށް ފުރުސަތު ދޭ ގޮތަށެވެ. ނަމަވެސް ފަހުން ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށްވެސް ފުރުސަތު ނުދިނުމަށް ނިންމީއެވެ. އެ ބޭފުޅުން މިކަމުގައި ނުރުހުން އަމާޒުކުރީ ޕާޓީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޣަފޫރަށެވެ. 

ނަޝީދާއެކު މަސައްކަތްކުރައްވާކަމަށް އަޑުފެތުރިފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު އިސްނަންގަވައި ޣަފޫރު މަގާމުން ވަކިކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރެއްގެ ސޮޔާއެކު ހުށަހަޅުއްވާފައިވެއެވެ. ފައްޔާޒުވަނީ އޭނާއަށް ވާހަކަދެއްކެވުމަށް ފުރުސަތު ނުދިނަސް ރައީސް ނަޝީދަށް އެ ފުރުސަތު ލިބިވަޑައިގަންނަވަންވާނެ ކަމުގައި ވިދާޅުވެފައެވެ. 

މި މައްސަލަތައް ހައްލުވިކަން ފުރަތަމަ އިއުލާނުކުރެއްވީ ރައީސް ސޯލިހެވެ. ހައްލުވީ ކޮން ކަހަލަ އެއްބަސްވުމެއްގެ ތެރެއިންކަން މިހާތަނަށް އެއްވެސް ބޭފުޅަކު ހާމަނުކުރައްވައެވެ. ނަމަވެސް ފައްޔާޒާއި ޣަފޫރު ބައްދަލުކުރައްވައި މަޝްވަރާކުރެއްވިކަން މީސްމީޑިޔާއަށް ތިލަވެފައިވެއެވެ. 

މައްސަލަތައް ހައްލުވެއްޖެކަން އިއުލާނުކުރައްވައި ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓުގައި އެންމެ ބޮޑަށް ތާރީފުކުރެއްވީ ކުރީގެ ޗެއާޕާސަން ފައްޔާޒަށެވެ. ދެބަސްވުންތަކުގެ ތެރެއިން އެއްބަސްވުންތަކަކަށް ވާސިލުވެވޭނެ ގޮތް ހޯއްދެވުމަށް ފައްޔާޒު ކުރެއްވި މަސައްކަތަށް ނަޝީދު ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ސޯލިހާއި އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދަށް ޝުކުރު އަދާކުރެއްވިއެވެ. 

އެމްޑީޕީ ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޣަފޫރުގެ ނަންފުޅު އެ ލިސްޓުގައި ނަޝީދު ނުހިމެނުއްވުމަކީ އެމަނިކުފާނުގެ ހިތްޕުޅުގައި ޣަފޫރާމެދު އޮތް ހިތްޕުޅުހަމަނުޖެހުން ފެނިގެންދާ ކަމެއްގެ ގޮތުގައި އެ ޕާޓިއަށް ތާއީދުކުރާ ބައެއް މީހުން އަންނަނީ ސިފަކުރަމުންނެވެ. އަދި އެއީ ޣަފޫރުގެ ހިދުމަތް ބަލައިނުގަންނަވާކަމުގެ ދަލީލެއްގެ ގޮތުގައި ބައެއް މީހުން ފާހަގަކުރެއެވެ. 

އެ ޕާޓީގެ ލީޑަރުންގެ މެދުގައި އޮތް ދެބަސްވުމަށް ހައްލެއް ހޯދިއްޖެކަމަށް އެ ބޭފުޅުން ވިދާޅުވި ނަމަވެސް މީސްމީޑިޔާއިން ފެންނަ މަންޒަރަކީ ފެކްޝަންތަކުގެ ތަޅާފޮޅުމާއި ދެކޮޅުވެރިކަން ބޮޑު ކަމެވެ. އެއްބަޔަކު ދަނީ ނަޝީދަކީ އެމްޑީޕީއަށް އެންމެ ބޮޑު ގެއްލުމެއް ދެއްވި ލީޑަރުކަން ފާހަގަކުރަމުންނެވެ. އަނެއް ބަޔަކު އަންނަނީ އެމްޑީޕީގެ ފާއިތުވި ސަރުކާރު ނިމުނީ އެއިރުގެ ސަރުކާރުގެ ތެރޭގައި ހެދި ގޯސްތަކުގެ ސަބަބުންކަމަަށް ވަކާލާތުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު