ENGLISH

11 ޖޫން 2026

Advertisement

އެމްއެމްޓީވީގެ ފީފާ ވޯލްޑް ކަޕް ކަވަރޭޖް: ނަތީޖާ ދިމާކޮށްގެން އަގުހުރި އިނާމުތައް ލިބޭނެ

11 ޖޫން 2026

|

އިސްމާއިލް ޝާހު

އެމްއެމްޓީވީގެ ފީފާ ވޯލްޑް ކަޕް ކަވަރޭޖް ލޯންޗުކޮށްދެއްވީ ޗެއާމަން އަބްދުﷲ ޒާހިރު ---

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ފީފާ ވޯލްޑް ކަޕާ ގުޅުވައިގެން އެމްއެމްޓީވީން ގެނެސްދޭ ކަވަރޭޖަކީ، މުބާރާތުގެ މައުލޫމާތުތައް ހިމެނޭ ހާއްސަ ކަވަރޭޖެކެވެ. މި ކަވަރޭޖުގައި ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ މައުލޫމާތުތަކާއި، ސްޓޭޑިއަމްތަކާއި، މެޗުތަކުގެ މައުލޫމާތު ހިމަނާފައިވާނެއެވެ. އަދި ވޯލްޑް ކަޕާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި، ޚަބަރުތައް މި ކަވަރޭޖް މެދުވެރިކޮށް ގެނެސްދޭނެއެވެ.

އެމްއެމްޓީވީގެ ކަވަރޭޖް ލޯންޗުކޮށްދެއްވީ ޗެއާމަން އަބްދުﷲ ޒާހިރެވެ. މި ކަވަރޭޖުގެ އެންމެ މުހިއްމު ބަޔަކީ ބެލުންތެރިންނާ ގުޅިގެން ކުރިއަށްގެންދާ ސްކޯރ ޕްރެޑިކްޝަން ޗެލެންޖެވެ. މިގޮތުން، ޕްރެޑިކްޝަން ޗެލެންޖުގައި ކޮންމެ މެޗެއްގެ ނަތީޖާ ދިމާކޮށްގެން ޗެލެންޖުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ދިމާވާ ކޮންމެ ނަތީޖާއަކަށް ތިން ޕޮއިންޓް ދޭ ގޮތަށް ހަމަޖެހިފައިވާއިރު، މުބާރާތް ނިމޭއިރު އެންމެ ކުރި ހޯދާ ތިން ބައިވެރިންނަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން އެއްވަނަ ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ފަހެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު، ދެވަނައަށްދާ މީހަކަށް 55 އިންޗީގެ ޓީވީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ޕްރެޑިކްޝަން ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ފަރާތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. 

މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް، މުބާރާތުގެ ފޯރި ދިވެހިންނަށް ވީ އެންމެ ފުރިހަމައަށް ގެނެސްދިނުމަށް، އެމްއެމްޓީވީން މަސައްކަތްކުރަމުން އަންނައިރު، ކުޅިވަރު ނޫސްވެރިކަމުގެ ތަޖުރިބާކާރުންނާއެކު ގެނެސްދޭ ޕްރީ-ޝޯތަކާއި، މުބާރާތާއި ގުޅުންހުރި ޕްރޮގްރާމްތައް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވޯލްޑް ކަޕް 2026 ފަށާނީ މިރޭ 12 ޖަހާއިރު މެކްސިކޯ އާއި ދެކުނު އެފްރިކާ ކުޅޭ މެޗުންނެވެ. އެމްއެމްޓީވީގެ ވޯލްޑް ކަޕް ކަވަރޭޖް https://worldcup2026.mmtv.mv/ މި ލިންކު މެދުވެރިކޮށް ބަލާލެވޭނެވެ.  

ކިޔުންތެރިންގެ ހިޔާލު