ENGLISH

11 އޭޕްރީލު 2026

Advertisement

އެފްއޭ ކަޕް: ޕެނަލްޓީ ޖަހައިގެން އީގަލްސް ބަލިކޮށް، ތިންވަނަ ޑިވިޝަނުގެ ބްލޫ ސެމީ އަށް

10 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

ކްލަބް އީގަލްސް އަތުން މޮޅުވި މެޗަށްފަހު ބްލޫ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އެފްއޭއެމް

އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން ކްލަބް އީގަލްސް ބަލިކޮށް، ތިންވަނަ ޑިވިޝަނުގެ ބްލޫ ސްޕޯޓްސް ކްލަބުން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ އެފްއޭ ކަޕްގެ ތާރީޚުގައި ތިންވަނަ ޑިވިޝަނުގެ ކްލަބަކުން އެ މުބާރާތުގެ ސެމީން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ތިންވަނަ ޑިވިޝަނަށް ނިސްބަތްވާ ހަމައެކަނި ކްލަބަކީ ވެސް ބްލޫ ސްޕޯޓްސް ކްލަބެވެ. އަނެއް ހަތް ޓީމަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 އިން އެއްވަރުވުމުން ބްލޫ ވަނީ ޕެނަލްޓީގައި ކުރިހޯދާފައެވެ.

މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި ބްލޫ އިން ލީޑުނެގީ އަހުމަދު ފާލިހް ލޮމްރަތު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ، އެންޑްރޫސް އެވެ. މި ގޯލާއެކު ބްލޫ އިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.

އީގަލްސްއާ ދެކޮޅަށް ބްލޫ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: މިހާރު

މެޗުގެ 60 ވަނަ މިނެޓުގައި އީގަލްސް އަށް ލިބުނު ޕެނަލްޓީއަކުުން ނަތީޖާ ހަމަހަމަކޮށްދިނީ އިސްމާއިލް އީސާ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން އެ ޓީމުގެ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަށް ބްލޫގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ޒައިން ޒަފަރު ވަނީ އީގަލަސް އަށް ފުރަތަމަ ފަހަރަށް ލީޑުނަގައިދީފައެވެ. އޭނާ މި ލަނޑުޖެހީ އޭރިޔާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް، ބްލޫ އަށް އެއްވަރުކޮށްދިނީ ޢަބްދުﷲ އިޔާދު މުޙައްމަދު އެވެ. މި ގޯލާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމަށް ގޯލެއްޖެހޭގޮތްނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށްފަހު އެވެ.

ޕެނަލްޓީގައި އީގަލްސްގެ އީސާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީދަނޑިއަށެވެ. އީގަލްސް އިން ދެން ފޮނުވާލި ޒައިން ޒަފަރުގެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނަމަވެސް އޭގެފަހުން، އެ ޓީމުގެ ޢަބްދުﷲ ޒުހާންގެ ޕެނަލްޓީ ދެ ފަހަރަށް ފޮނުވާލަން ޖެހުމުން ވެސް ބްލޫގެ ކީޕަރު، މުޙައްމަދު އަޝްފާޤު ހުއްޓުވިއެވެ. އެ ޓީމުން ދެން ފޮނުވާލި ޕެނަލްޓީތައް ޢަބްދުލް މަލިކު އާއި ޢަބްދުﷲ ސަމީހު މޫސާ ކާމިޔާބުކުރިއެވެ.

އީގަލްސްގެ އިބްރާހިމް މަހުދީ (ވ) އަތުން ބޯޅަ ހޯދަން ބްލޫގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: މިހާރު

ޕެނަލްޓީ ޝޫޓްއައުޓްގައި ބްލޫގެ ބިދޭސީ ކުޅުންތެރިޔާ، މަނުއެލް ކޯފީ ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު، މުޙައްމަދު އަޝްވާން މަތަކުރިއެވެ. ބްލޫ އިން ދެން ފޮނުވާލި ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އެ ޓީމަށް މި ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޝިޔާން މުޙައްމަދު، ޢަބްދުﷲ އިޔާދު އާއި މައިކަލް އަކޮއޭ އަދި މުޙައްމަދު ޖިނާހު އެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޭޕްރީލް 15 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ އޭޕްރީލް މަހުގެ 18 ގައެވެ.

އެންމެ ފަހުން އެފްއޭ ކަޕް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ ފައިނަލުގައި ކްލަބް ވެލެންސިއާ ބަލިކޮށްގެންނެވެ. އޭގެކުރީން ބޭއްވީ 2017 ވަނަ އަހަރުގެ ޗެމްޕިއަނުންނަކީ ނިއު އެވެ. 

ކިޔުންތެރިންގެ ހިޔާލު