ENGLISH
08 އޭޕްރީލު 2026
އުފާވެރި ޚަބަރެއް؛ ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި
08 އޭޕްރީލު 2026
|
ބީއެމްއެލް ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކުރުން
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، ތިން މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށްބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލަ އަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް ފަސް އިންސައްތައަށް ކުޑަކޮށްފި އެވެ.
މިއީ ކުރިން އަމިއްލަ އަށް ޚަރަދު ކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާފައިނޭންސިންގ ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ޤައުމީ ބެންކުން ބުނެ އެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދުޝަރީފް ވިދާޅުވީ، އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސްނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތުފަހިވެގެންދާނެ ކަމަށެވެ.
"ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށްކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސްދައުރެއްއަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް. އިކުއިޓީ 5 އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސްނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތުފަހިވެގެންދާނެ. މިސާލަކަށް 2 މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެގޮތުގައި 400,000 ރުފިޔާ ބޭނުންވީ ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް،" ޝަރީފް ވިދާޅުވި އެވެ.
ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިންގ މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިންގ ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ ކުއިޓީއާއެކުގަ އެވެ.
ނުވަ އިންސައްތަގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށްރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ ބޭންކެވެ. މީގެ އިތުރުން،2025 ވަނަ އަހަރުގެ ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސްބޭންކުން ވަނީ 5 އިންސައްތައަށް ކުޑަކޮށްފަ އެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް ވެސް ބީއެމްއެލުން ބުނެ އެވެ.