ENGLISH
07 އޭޕްރީލު 2026
ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުނުކެނޑި ފޯރުކޮށްދޭންކުރާ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް
07 އޭޕްރީލު 2026
|
މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން --
އެންމެ މަޤްބޫލު
ކާބޯތަކެއްޗާއި ތެލާއި ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ލިބިވަޑައިގެންފައިވާ ކަމަށް، މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން ހާމަކުރައްވައިފި އެވެ.
އެ ކޮމިޓީއިން އެ މަޢުލޫމާތު ހިއްސާކުރައްވާފައިވަނީ، މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މެދުއިރުމައްޗާއި ގަލްފުގައި ކުރަމުންދާ ހަނގުރާމައިގެ ޙާލަތު ގާތުން ވިލަރެސް ކުރައްވައި، އެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނޭ އަސަރުތަކަށް، ދިވެހި ސަރުކާރުން ތައްޔާރުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އަސާސީ ޚިދުމަތްތަކާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު އާންމުކޮށް ގެންނަ ބާޒާރުތަކުން ލިބުން ދަތިވެއްޖެ ޙާލަތެއްގައި ދެން އެ ތަކެތި ގެނެވިދާނޭ ބާޒާރުތައް ހޯދައި، އެ ފަރާތްތަކާއެކު، ރާއްޖޭގެ ކަމާބަހޭ ފަރާތްތަކުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލު ދެއްވަމުން، އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވަނީ، އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު މޮނިޓަރ ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ، މިހާތަނަށް ވެސް، އެއްވެސް އަސާސީ ބާވަތެއް ހުސްވިޔަ ނުދީ މެނޭޖު ކުރެވިފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިކަން މިގޮތުގައި ދެމެހެއްޓުމަށް، ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި އެލްޕީޖީ ނުވަތަ ކައްކާ ގޭހުގެ ޚިދުމަތްދޭ ވިލާ ގޭހުން، ގޭހުގެ އަގުބޮޑުކުރުމަށް ނިންމި ނިންމުން އެނގިވަޑައިގެންނެވި ހިސާބުން، އެކުންފުންޏާއި އެސްޓީއޯ އާއެކު ފަންނީ މަޝްވަރާ ކުރައްވައި، މި ކަމަށް ޙައްލެއް ހޯދުމާމެދު ނިންމަވާ ގޮތެއް، ވަރަށް އަވަހަށް އިޢުލާން ކުރައްވާނޭ ކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވަނީ، ކަރަންޓުގެ ޓެރިފް ބޮޑުކުރެއްވުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ. ފަތުރުވެރިކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހަނގުރާމައިގެ މި ހާލަތުގައިވެސް ރާއްޖޭގެ ޑިމާންޑް ދަށް ނުވާ ކަމަށެވެ. އެގޮތުން، މިދިޔަ އަހަރާ އަޅައިބަލާއިރު، މާރިޗު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ނިސްބަތުން ދަށް ކަމުގައިވީނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާ ކަމީ ހެޔޮ ފާލެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މާލީ ވުޒާރާއިން އިޢުލާންކުރެއްވި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި ކޮމިޓީގެ ޗެއަރ ވަނީ، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުއްވުމަށް ގަސްދު ކުރައްވާފައި ވަނީ، ދިވެހި އެއްވެސް ރައްޔިތަކަށް ބުރައެއް އުފުލަން ނުޖެހޭނޭ ގޮތަށް ބައްލަވައިގެން ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ. މީގެ އިތުރުން، އެއްވެސް ކޮންފްލިކްޓް ޒޯނަކަށް ދާ އުޅަނދަކަށް ރާއްޖޭގެ އެއްވެސް ސަރަހައްދެއް ބޭނުންކުރުމަށް، މިހާތަނަށް ހުއްދަ ދެއްވާފައި ނުވާނޭ ކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދެއްވާނޭ ކަމަށް ވަޒީރު ކަށަވަރު ކޮށްދެއްވި އެވެ.
މި ކޮމިޓީގެ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި، އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން ކޮމިޓީން ފާހަގަކުރެއްވި އެވެ. އަދި މި ދަނޑިވަޅުގައި، ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ސިނާޢަތްތައް ތަމްސީލުކުރައްވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުން، ގުޅިގެން، އެކުގައި ކުރައްވާ މަސައްކަތްތައްވެސް ކޮމިޓީން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފަ އެވެ.