ENGLISH
07 އޭޕްރީލު 2026
ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިކަމެއް ނެތި މިހާތަނަށް އަންނަނީ ލިބެމުން: ވަޒީރުންގެ ޚާއްޞަ ކޮމިޓީ
07 އޭޕްރީލު 2026
|
މިއަދު އޮތް ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަސަރުކޮށް، ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިކަމެއް ނެތި މިހާތަނަށް ލިބެމުން އަންނަކަމަށް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން ހާމަކުރައްވައިފިއެވެ.
ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ހަނގުރާމަ އަދިވެސް ކުރިއަށްދާއިރު މީގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ގޮންޖެހުން ކުރިމަތިވާކަމީ ސާފުކޮށް ފެންނަން އޮތް ޙަޤީގަތެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ކާބޯތަކެއްޗާއި، ތެލާއި، ބޭސްފަދަ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ގިނަ ޤައުމުތަކާއެކު މިހާރުވެސް ދަނީ ރަސްމީ މުޢާމަލާތްތައް ކުރެވެމުން ކަމަށެވެ. އަދި ރަނގަޅު ކުރިއެރުންތަކެއް ވެސް އެކަމުގެ ތެރެއިން ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ސަޕްލައި މެދުނުކެނޑި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅަންޖެހޭ ހަމަ ހުރިހާ ފިޔަވަޅުތަކެއް ވެސް ސަރުކާރުން ގެންދަނީ އަޅަމުންކަން އަޅުގަނޑު ފާހަގަކުރަން. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ބޭނުންވާ ތެލާއި އަސާސީ މުދާ ދަތިތަކެއް ނެތި މިހާތަނަށް ރާއްޖޭގެ ބާޒާރުން ލިބެންހުރިކަން ފާހަގަކުރަން" ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ޚަރަދުކުޑަކުރުމާއި ޚަރަދުތައް ރިވިއުކޮށް، ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން މިހާރުވެސް ބައެއް ފިޔަވަޅުތައް އަޅާފައިވާކަމަށާއި، އިތުރަށް އަޅާ ފިޔަވަޅުތަކުގެ ތަފްސީލުތައް ހާމަކުރައްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން، ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ މެޓީރިއަލް ލިބުމުގައި ކުރިމަތިވެދާނެ ގޮންޖެހުންތަކަށް މަސައްކަތްކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން އެކުވެރި ޤައުމުތަކާ ގުޅިގެން އެމަސައްކަތް ކުރާއިރު، އެތަކެތި ގެނައުމަށް ބައެއް ކުންފުނިތަކާއި އެޤައުމަތަކާ ގުޅުވާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މުދާ ބޭލުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދަތިތައް ކުރިމަތިވާކަމަށާއި، އެކަމަށް ހައްލު ގެނައުމަށް މިހާރު އެމްޕީއެލްއާއެކު މަޝްވަރާ ފަށާފައިވާ ކަމަށެވެ.