ENGLISH

07 އޭޕްރީލު 2026

Advertisement

މާރިޗު މަހު 525 ފްލައިޓް ކެންސަލްވި، އެ އަދަދު ދަށްކޮށް މަސައްކަތް ވަނީ ފުޅާކުރެވިފައި: ވަޒީރު ތާރިޤު

07 އޭޕްރީލު 2026

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ތާރިޤު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މާރިޗު މަހު ރާއްޖެއަށް ދަތުރުކުރަން ޝެޑިއުލްކުރި 525 ފްލައިޓް ކެންސަލްވި ކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން ފްލައިޓް ކެންސަލްވާ އަދަދު ދަށްކުރެވިފައިވާ ކަމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު  އުފައްދަވައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މާރިޗު މަހު 525 ފްލައިޓް ކެންސަލްވިއިރު، އެވްރެޖްކޮށް ދުވާލަކު 20 ފްލައިޓް ކެންސަލްވި ކަމަށެވެ. 

ކުރިން ކެންސަލްވަމުން އައި ފްލައިޓްތަކުގެ އަދަދު މިހާރު 16 ފްލައިޓަށް ދަށްކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ހަނގުރާމައިގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން މަދުވިޔަސް، ގިނަ އަދަދެއްގެ ފަތުރުވެރިން އެކި ރޫޓުތައް ބޭނުންކޮށްގެން ރާއްޖެ އަންނަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެ އަންނަ މަތިންދާބޯޓުތަކުގެ ފްލައިޓް ސީޓް ކެޕޭސިޓީ މިހާރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ސީޓް ކެޕޭސިޓީ އިތުރުކުރި ބައެއް އެއާލައިންތަކަކީ ވާޖިން އެޓްލާންޓިކް، ޓާކިޝް އެއާލައިން، ސްރީ ލަންކަން އެއާލައިން އަދި ސިންގަޕޯ އެއާލައިންސްއެވެ. ވަޒީރު ވިދާޅުވީ މި އެއާލައިންތައް ހިމެނޭހެން ފްލައިޓް ސީޓް ކެޕޭސިޓީ މިހާރު 65 ޕަސެންޓުން 70 ޕަސެންޓަށް އިތުރުކުރެވިފައިވާ ކަމަށެވެ. 

ވަޒީރު ވިދާޅުވީ މާރިޗު މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 20.7 އިންސައްތަ ދަށްވި ކަމަށެވެ. މާރިޗު މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 165،616 ފަތުރުވެރިންނެވެ. 2025 ވަނަ އަހަރުގެ މާރިޗު މަހު އެ އަދަދު ހުރީ 207،707 ގަ އެވެ. 

މާރިޗު މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5374 ފަތުރުވެރިން ޒިޔާރަތްކުރާއިރު މިދިޔަ އަހަރު މި މުއްދަތުގައި ދުވާލަކު އެވްރެޖްކޮށް 6563 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ. 

ވަޒީރު ދެއްވި އަދަދުތަކުން ހާމަވީ އޭޕްރީލް މަހުގެ ފުރަތަމަ ހަ ދުވަހު ވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު  ދަށްވެފައިވާކަމެވެ. އެގޮތުން މިދިޔަ އަހަރު އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ 43،316 ފަތުރުވެރިން ޒިޔާރަތްކުރިއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ޒިޔާރަތްކުރީ 31،721 ފަތުރުވެރިންނެވެ. 

ވަޒީރު ތާރިޤު އިތުރަށް ވިދާޅުވީ، ފަތުރުވެރިކަމަށް ގޮންޖެހުން ދިމާވެފައިވާ ކަމަށާއި އަދި ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން، ގެސްޓްހައުސް އެސޯސިއޭޝަނާއި ބޯޓިން އެސޯސިއޭޝަނާ މިއަދު ބައްދަލުކުރައްވައި މަޓީއާއެކު ގާތުން މަސައްކަތްކުރައްވަމުންގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަން މާކެޓް ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ގިނަ ހަރަކާތްތަކެއް ހިންގަމުންގެންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު