ENGLISH

07 އޭޕްރީލު 2026

Advertisement

މިދިޔަ ހަފްތާ ސްކޭމްގެ 42 މައްސަލަ، ގެއްލުނު ފައިސާގެ 70 އިންސައްތަ އަނބުރާ ހޯދި

07 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އެންޓި-ސްކޭމް ސެންޓަރަށް މިދިޔަ ހަފްތާ 42 މައްސަލަ ހުށަހެޅުކަމަށާއި، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތަ އަނބުރާ ހޯދާފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުން ބުނެފިއެވެ. 

އެންޓި-ސްކޭމް ސެންޓަރުން މިއަދު ވަނީ މާރިޗު 29 އިން އޭޕްރީލް 4 ވަނަ ދުވަހާ ދެމެދު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ. 

މިދިޔަ ހަފްތާ އެންޓި-ސްކޭމް ސެންޓަރަށް 42 މައްސަލަ ވަނީ ހުށަހެޅިފައެވެ. މި މައްސަލަތަކުގައި ގެއްލުނު ޖުމްލަ ފައިސާގެ އަދަދު 322,270.00 ރުފިޔާއަށް އަރައެވެ. އެންޓި-ސްކޭމް ސެންޓަރުން ކުރި މަސައްކަތުންނާއި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން 227,828.00 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ ބުނެފައެވެ. އެއީ ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ކަމަށާއި، މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ސެންޓަރުން ބުނެފައިވެއެވެ. 

އާއްމުކޮށްފައިވާ ތަފާސްހިސާބުގައިވާގޮތުން، މިދިޔަ ހަފްތާ އެންމެ ގިނައީ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން، އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްގެ 30 މައްސަލައެއް ވަނީ ހުށަހެޅިފައެވެ. މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި، ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.

އިތުރު މައްސަލަތައް: 

  • ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ 4 މައްސަލަ
  • މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ
  • އެހެނިހެން ސްކޭމްގެ 4 މައްސަލަ

މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްތަކުގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާއިރު، މިއީ މިފަދަ ސްކޭމްތަކަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ދައްކުވައިދޭ ހެޔޮ ބަދަލެއް ކަމަށް އެންޓި-ސްކޭމް ސެންޓަރުން ވަނީ ބުނެފައެވެ. 

އެންޓި ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ.

"ސްކޭމްތަކުން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ކަމަކީ، ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުން. އަދި ކުއްލި ގޮތަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ މެސެޖުތަކާއި ކޯލްތަކަށް ސަމާލުވެ އިތު އެހެން ގޮތަކުން އެމީހާގެ އައިޑެންޓިޓީ ކަށަވަރު ކުރަންވާނެ. ހާއްސަކޮށް [ވާހަކަ ދައްކާމީހާނޫން] އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވަން އެދޭނަމަ. އޭގެ އިތުރުން، އެސް.އެމް.އެސް ނުވަތަ އެކި މެސެޖިންގ އެޕްލިކޭޝަންތައް މެދުވެރިކޮށް ފޮނުވާ ނޭނގޭ ލިންކުތަކަށް ނުފިއްތުމަކީވެސް ކުރެވިދާނެކަމެއް" އިންސްޕެކްޓަރ ނަވީދު ވިދާޅުވިއެވެ.

ފައިސާގެ މުއާމަލާތެއް ކުރުމުގެ ތެރެއިން ނުވަތަ މުއާމަލާތެއް ކުރުމަށްފަހު ނަމަވެސް، ޝައްކުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ އިތުރު ބަޔަކު މިފަދަ ސްކޭމްތަކުގެ ޝިކާރައަކަށްވުން ހުއްޓުވުމަށާއި، ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރަށް މައްސަލަ ރިޕޯޓްކުރަން ގުޅާނީ 125 ނަންބަރަށް ނުވަތަ އެކްސްޓެންޝަން ނަންބަރު 2020 އަށެވެ. އަދި، 911 އަށް ގުޅައިގެންވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު