ENGLISH

04 އޭޕްރީލު 2026

Advertisement

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް: ޕެނަލްޓީ ޖަހައިގެން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް ޗެމްޕިއަންކަން ހޯދައިފި

04 އޭޕްރީލު 2026

|

މުޙައްމަދު އަދުހަމް

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް ޓީމު ޓްރޮފީއާއެކު. ފޮޓޯ: އެފްއޭއެމް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 4-3 އިން އިންޑިއާ ބަލިކޮށް، ބަންގްލަދޭޝް އިން އެ މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.

މިއީ ސާފްގެ 19 އާއި 20 އަހަރުން ދަށުގެ އުމުރުފުރައިގެ މުބާރާތެއްގެ ފައިނަލުގައި ބަންގްލަދޭޝް އިން ޖެހިޖެހިގެން ވާދަކުރި ތިންވަނަ ފަހަރެވެ. މީގެތެރެއިން، 2024 ވަނަ އަހަރު ބޭއްވި 20 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ނޭޕާލް ބަލިކޮށްގެންނެވެ. އޭގެފަހުން، މިދިޔަ އަހަރު ކުޅުނު 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ އަތުން ވަނީ ބަލިވެފައެވެ.

މިއީ މި ފަހަރުގެ މުބާރާތުގައި އިންޑިއާއާ ދެކޮޅަށް ބަންގްލަދޭޝް ކުޅުނު ދެވަނަ މެޗެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އިންޑިއާއާ ބަންގްލަދޭޝް ބައްދަލުކުރި ފައިނަލް މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ލަނޑެއްޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވާގޮތްނުވިނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައި ބަންގްލަދޭޝް އަށް ރަނގަޅު ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ.

އިންޑިއާގެ ޑިފެންސް ފަހަތުން ބަންގްލަދޭޝްގެ ރޮނާން ބެންޖަމިން ސުލިވަން އަށް ލިބުނު ބޯޅައެއް ފޮނުވާލެވޭގޮތްނުވީ، އިންޑިއާގެ ގޯލްކީޕަރު، ސޫރަޖް ސިންގ ގޯލު އޭރިޔާ ބޭރަށް ނިކުމެ އެ ބޯޅަ ސަލާމަތްކުރުމުންނެވެ.

މިއާއެކު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމަށް ވެސް ލަނޑެއްނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓްއަކަށް ފަހު އެވެ.

ބަންގްލަދޭޝްގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބުކޮށްދިނުމަށްފަހު ރޮނާން ބެންޖަމިން ސުލިވަން އުފާ ފާޅުކުރަނީ. ފޮޓޯ: އެފްއޭއެމް

ޕެނަލްޓީގައި އެންމެ ފުރަތަމަ އިންޑިއާގެ ނިންތޮކުމްޖަމް ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު، އިސްމާއިލް ހޮސައިން މަތަކުރިއެވެ. އެއަށްފަހު، އެ ޓީމުން ދެން ފޮނުވާލި ތިން ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ. އިންޑިއާ އަށް މި ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އަރްބާޝް، އަހޯންގޝަމްބަމް އާއި ވިޝާލް ޔާދަވް އެވެ. އޭގެފަހުން، އިންޑިއާގެ ފަސްވަނަ ޕެނަލްޓީ އޮމަންގ ދުދޯމް ފޮނުވާލުމުން ދިޔައީ ގޯލުގެ މާމަތިންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބަންގްލަދޭޝް އިން ފޮނުވާލި ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައިވަނިކޮށް، ހަތަރުވަނަ އަށް ފޮނުވާލި ޕެނަލްޓީ ސެމުއެލް ރަކްސަމް އަތުން ނާކާމިޔާބުވުމާއެކު އެ ޓީމަށް ކޮންމެވެސް ވަރެއްގެ ޕްރެޝަރާ ކުރިމަތިލާންޖެހުނެވެ. މި ޕެނަލްޓީ ފޮނުވާލުމުގެ ކުރީން، އިންޑިއާގެ ކީޕަރު، ސޫރަޖް އަށް އަނިޔާވެގެން ވަނީ ދަނޑުމަތީގައި ފަރުވާދީފައެވެ.

އޭގެފަހުން، ފޮނުވާލި ފަސްވަނަ ޕެނަލްޓީ ބަންގްލަދޭޝް އަށް ކާމިޔާބުކޮށްދިނީ ސުލިވަން އެވެ. މީގެއިތުރުން، އެ ޓީމުގެ އަނެއް ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ މުރްސިދް އަލީ، ޗަންދަން ރޯއީ އާއި އަބްދުލް ފަހިމް އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރި އިންޑިއާގެ އޮމަންގ ދޯދަމް. ފޮޓޯ: ސާފް

މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަތަކަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް އިނާމާއި ސެޓްފިކެޓް ހަވާލުކޮށްދީފައިވާއިރު، ސާފްގެ ފަރާތުން ވަނީ އޭއެފްސީގެ މެޗު ކޮމިޝަނަރ ޢަބްދުލް ޣަފޫރު ޢަބްދުލް ހަމީދު (އައްޑޯ) އަށްފުޓްބޯޅަ އަށް ކުރަމުންއައި ޚިދުމަތްތަކަށް ހާއްސަ އެވޯޑެއް ދީފައެވެ.

މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ދިވެހިރާއްޖެ އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކަށް ހޮވުނީ ރާއްޖޭގެ ކެޕްޓަން، މުޙައްމަދު އިލާން އިމްރާނާއި އިންޑިއާގެ އޮމަންގ ދޯދަމް އެވެ. މި ދެ ކުޅުންެތެރިން ވެސް މުބާރާތުގައި ވަނީ ތިން ލަނޑުޖަހައިފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، މުޅި މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށްދޭ "އެމްވީޕީ" އެވޯޑް ހާސިލްކުރީ ވެސް އިންޑިއާގެ ފޯވާޑް، ދޯދަމް އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ބަންގްލަދޭޝްގެ އިސްމާއިލް ހޮސައިން އެވެ.

ކިޔުންތެރިންގެ ހިޔާލު