ENGLISH

03 އޭޕްރީލު 2026

Advertisement

ދުނިޔޭގެ ފެންވަރުގެ އުފެއްދުންތެރިންނާއި ފަންނުވެރިން ބައިވެރިވާ ސަމިޓެއް ރާއްޖޭގައި ބާއްވަނީ

03 އޭޕްރީލު 2026

|

ޢަލީ ޝަހީމް

ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް ސަމިޓުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ދުނިޔޭގެ ފެންވަރުގެ އުފެއްދުންތެރިންނާއި ފަންނުވެރިން އަދި ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާ ސަމިޓެއް ރާއްޖޭގައި ބާއްވާނެކަން އިއުލާނުކޮށްފިއެވެ. 

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިއްޔެ ހާމަކުރި މަޢުލޫމާތުގައި ބުނީ ރާއްޖޭގައި ސަމިޓް އޮންނާނީ ސެޕްޓެމްބަރު 20 އިން 25 ގެ ނިޔަލަށް ކަމަށެވެ. ސަމިޓުގެ ނަމަކީ "ވޯލްޑް ކްރިއޭޓަރ ސަމިޓް އެންޑް ވޯލްޑް ކްރިއޭޓާ އެވޯޑްސް ޕަވަރޑް ބައި ކްރިއެޓޯލް" އެވެ. މި ސަމިޓް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ އިއްޔެ އެވެ. 

ވިޒިޓް މޯލްޑިވްސްއިން ބުނީ، ސަމިޓް ކުރިއަށްގެންދާނީ "ވޯލްޑް ޓްރެވަލް އެވޯޑްސް" ގެ އިންތިޒާމުކުރާ ފަރާތްތަކާ ގުޅިގެން ކަމަށެވެ. 

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. އަދި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފަރާތުން ސޮއިކުރެއްވީ، އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ޖަސްޓިން ކޫކްއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، ސަމިޓްގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިތުރަށް އިޝްތިހާރުވެގެންދާނެ ކަމަށެވެ. އެގޮތުން މި ހަރަކާތް ވާނީ ހަމައެކަނި ސޯޝަލް މީޑިއާ އިވެންޓަކަށް ނޫން ކަމަށާއި، މި ހަރާކާތުގައި ރާއްޖޭގެ ވާހަކަ ދުނިޔެއަށް ބުނެދޭނެ ކަމަށެވެ. އަދި، މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖެ ޒިޔާރަތްކުރާ ފަންނުވެރިންނާއި، ބޮޑެތި ބްރޭންޑްތަކާއި، ޓެކްނޮލޮޖީގެ ޕްލެޓްފޯމްތައް އެއްތަނަކުން ބައްދަލުވާނެކަމަށް ޝިއުރީ ވިދާޅުވިއެވެ. 

ދައުވަތުދީގެން ބާއްވާ މި ބޮޑު ހަރަކާތުގެ ތެރޭގައި ވޯލްޑް ކްރިއޭޓާ ސަމިޓް ހިމެނެއެވެ. އަދި، ހުޅުވާލައިގެން ބާއްވާ ފޯރަމަކާއި، ފޯރަމްގެ މަންޒިލުތައް މަޝްވަރާކުރުން ވެސް ކުރިއަށްދާނެއެވެ. 

ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާހަގަކޮށްލެވޭ 50 ކްރިއޭޓަރުން ބައިވެރިވާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. މީގެތެރޭގައި، އިންޑިއާ، ޗައިނާ، އިނގިރޭސިވިލާތް، ރަޝިއާ، ފްރާންސް، ޖަރުމަނު އަދި އިޓަލީ ފަދަ ޤައުމުތައް ހިމެނެއެވެ. 

ވިޒިޓް މޯލްޑިވްސްއިން ބުނީ، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ރަށްތަކާއި، ސަގާފަތުގެ އިތުރުުން ދިރިއުޅުން ތަޖުރިބާކޮށް ކޮންޓެންޓް އުފެއްދުމުގެ ފުރުޞަތުދެވިގެންދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު