ENGLISH
03 އޭޕްރީލު 2026
ސުކޫކު ދެއްކުމާއެކު ޤައުމުގެ މުހިންމު ބިނާތައް ރަހުނުން ސަލާމަތްވެއްޖެ: ރައީސް
03 އޭޕްރީލު 2026
|
--
އެންމެ މަޤްބޫލު
ސުކޫކު ދެއްކުމާއެކު ޤައުމުގެ މުހިންމު ބިނާތައް ރަހުނުން ސަލާމަތްވެއްޖެ ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ ބޮޑު ހިނގާލުން" ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސުކޫކަށް އަދާކުރަންޖެހޭ 500 މިލިއަން ޑޮލަރު ދައްކާ އިއްޔެ ވަނީ ޚަލާސްކޮށްފަ އެވެ.
މި ސުކޫކަކީ ކުރިން ސަރުކާރުން ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އަދާކުރުމަށް 2021 ވަނަ އަހަރު އެއިރުގެ ސަރުކާރުން ވިއްކި ސުކޫކެކެވެ. މި ސުކޫކު ވިއްކީ އެއިރުގެ މާލީ ބާޒާރުގެ އަގުތަކާ އަޅާބަލާއިރު ބޮޑު އަގެއްގަ އެވެ. އަދި އެ ސުކޫކު ވިއްކީ އަނބުރާ އެ ފައިސާ ދެއްކޭނެ ހަރުދަނާ ސިޔާސަތެއްވެސް ނެތި އެވެ.
މިއަދުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ
އަނެއްކޮޅުން ލޯނުތައް ނެގީ ދިވެހީންގެ ހަރުމުދާތައް ރަހުނުކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި މާލޭ ސަރަޙައްދުގައި ހުރި އެތައް ސުކޫލް އިމާރާތަކާއި ދައުލަތުގެ ބައެއް މުހިންމު އިދާރާތައް ހިންގަމުންދާ އިމާރާތްތައް ވެސް ހިމެނެ އެވެ. މާލޭގެ 11 ސުކޫލެއް ވެސް ވަނީ ރަހުނުކޮށްފަ އެވެ. މިއީ ލޯނު ނުދެއްކިއްޖެ ޙާލަތެއްގައި ދަރަނި ދިން ފަރާތަށް ނެގޭނެ ތަންތަނެވެ.
ނަމަވެސް ދިވެހިރާއްޖެގެ ތާރީހުގައި ދަރަނި އަދާކުރުމަށް ނުވަތަ އެނޫންވެސް ކަމެއްގައި އެއްފަހަރާ ސަރުކާރުން ދެއްކި އެންމެ ގިނަ ފައިސާ ދައްކައި ހަލާސްކުރުމުން މި މުހިންމު އެސެޓްތައް ރަހުނުން ސަލާމަތްވީ އެވެ. ހިނގާލުމަށް ފަހު އޮތް ރެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.
އެތައް ހާސް ބަޔަކު ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތުގައި ބައިވެރިވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ
"ނެގި ސުކޫކު, އަޅުގަނޑުމެންގެ ޤައުމު ދަރުވާނުލާ, އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ އެއްވެސް އެއްޗެއް އިނާޔަތެއް އުނިކޮށް, އެއްވެސް ފައިސާ ފޮއްޗެއް ޗާޕުނުކޮށް ރެކޯޑް އަދަދެއްގެ ޤައުމީ ރިޒާވް ހާސިލުކުރުމަށް ފަހު އިއްޔެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދައްކާ ޚަލާސް ކޮށްފިން," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ބޮޑެތި ލޯނުތަކެއް ނެގީ އެ ލޯނުތައް ދައްކާނެ އެއްވެސް ސިޔާސަތެއް ނެތި ކަމަށެވެ. އަދި ލޯނުތައް ނެގީ އިޤްތިސާދީ ގޮތުން މަންފާއެއް, ނަފާއެއް ވެސް ނެތް ކަންކަމުގައި ކަމަށް ވިދާޅުވި އެވެ.