ENGLISH
03 އޭޕްރީލު 2026
500 މިލިއަން ޑޮލަރުގެ ސުކޫކު ދެއްކީ ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި: ރައީސް
03 އޭޕްރީލު 2026
|
ކޮންގްރެސް ޕާޓީގެ ހިނގާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ: ކޮންގްރެސް ޕާޓީ
އެންމެ މަޤްބޫލު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) މި ސަރުކާރުން އިއްޔެ ދައްކައި ނިންމީ، ދިވެހި މާލިއްޔަތުގެ އަމިއްލަ ބާރުވެރިކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާދަމާ އޮންނަ އިންތިޚާބަށް ތައްޔާރުވުމަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ހަވީރު އާޓިފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެތައް ހާސް ބަޔަކު ބައިވެރިވި ހިނގާލުން ނިންމާލުމުގެ ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިފާނު ޤައުމާ ޙަވާލުވިއިރު ޤައުމު އޮތް ހާލަތު ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ.
އިޤްތިޞާދު ނާޒުކު ފައްތަރެއްގައި އޮއްވައި އެމަނިކުފާނު މިހާހިސާބަށް ވަޑައިގެންނެވީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ ވެރިކަމުގައި ނެގި 500 މިލިއަން ޑޮލަރުގެ ދަރަންޏަކީ އަދާކުރާނެ ގޮތުގެ އެއްވެސް ޕްލޭނެއް ނެތި ނެގި ދަރަންޏެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު އެ ސުކޫކު އަނބުރާ ދެއްކީ، ރައްޔިތުންނަށް ލިބޭ އިނާޔަތެއް އުނިނުކޮށް، ފައިސާ ޗާޕުނުކޮށް އަދި ޤައުމުގެ ރިޒާވް ރެކޯޑް އަދަދެއްގައި ބަހައްޓައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސަރުކާރުން ސުކޫކުގެ 524 މިލިއަން ޑޮލަރު ދެއްކުމާ ގުޅިގެން އިދިކޮޅުގައި މަސައްކަތްކުރައްވާ ލީޑަރުން ވެސް ގެންދަވަނީ ތައުރީފްކުރައްވަމުންނެވެ. އެގޮތުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިތުރު ދަރަންޏެއް ނުނަންގަވައި ސުކޫކުގެ 500 މިލިއަން ޑޮލަރު އަދާކުރެއްވުމުން އުފާކުރައްވާ ކަމަށެވެ.
ސަރުކާރުގެ ވިސްނުމަކީ ޤައުމީ ވިސްނުން ކަމަށާއި، އެގޮތަށް ސަރުކާރު ކުރިއަށްދާއިރު މާދަމާ އޮންނަ އިންތިޚާބުގައި ހުރިހާ ރައްޔިތުން ކޮންގްރެސް ޕާޓީއަށް ވޯޓުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.