ENGLISH
03 އޭޕްރީލު 2026
މާދަމާގެ އިންތިޚާބު އޮބްޒަރވް ކުރަން އެޗްއާރްސީއެމްގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެ
03 އޭޕްރީލު 2026
|
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް-- ފޮޓޯ: ވަން އޮންލައިން
އެންމެ މަޤްބޫލު
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތައް އޮބްޒަރވް ކުރަން ހިއުމަން ރައިޓްސް ކޮމިޝަންގެ 78 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެޗްއާރުސީއެމުން ބުނީ، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު، އޮބްޒަރވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ 78 މުވައްޒަފުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ހަރަކާތްތެރިވާނެ ކަމަށެވެ.
ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، ހެނދުނު 6:30 ގައި އެވެ. އަދި ވޯޓުލާ ނިމުމާ ހަމަޔަށް މުވައްޒަފުން މަސައްކަތް ކުރާނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. އިތުރަށް ކޮމިޝަނުން ބުނީ، ވޯޓުލާ ދުވަހު މާލެ ސަރަޙައްދުގައި އެކި ގަޑި ތަކުގައި 208 ވޯޓު ފޮށި އޮބްޒާވް ކުރުމުގެ އިތުރުން، އަތޮޅުތެރޭގައި 21 ރަށެއްގައި 104 ވޯޓު ފޮށި އޮބްޒާވްވުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން މާފުށި ޖަލުގައި ވެސް އެ ކޮމިޝަނުގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
އިންތިޚާބުތަކުގައި ބައިވެރިވުމާއި، ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެކެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ ކަންކަން ރާވާ ހިންގުމާ، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ކޮމިޝަނުން ގޮވާލާފައިވެ އެވެ.
ހަމަމިއާއެކު، އެ މީހަކުގެ ދޭ ވޯޓަކީ އެހެން އެއްވެސް ފަރާތެއްގެ ނުފޫޒެއްނެތި، އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް އެޗްއާރްސީއެމް ވަނީ ގޮވާލާފަ އެވެ.
އެޗްއާރްސީއެމް އިން އިތުރަށް ބުނީ، ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށެވެ. އަދި މުޖްތަމައުގައި އެކަކު އަނެކަކާ ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް، އަމާންކަމާއި ސުލްހަވެރިކަން އިސްކޮށް ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ޙައްލުތައް ހޯދުމަށް ކޮމިޝަނުން އެދިފައިވެ އެވެ.