ENGLISH
03 އޭޕްރީލު 2026
ވޯޓްގެ ކުރީން މިކަންކަމާމެދު ވިސްނާލާ: މިއީ މިނިވަން އިންތިޚާބުތަކަކަށް މަގުފަހިކުރަން ލިބޭ ފުރުސަތެއް
03 އޭޕްރީލު 2026
|
މާދަމާގެ ވޯޓްގެ ކެމްޕެއިން ކުރިއަށް ދަނީ --
އެންމެ މަޤްބޫލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ "ފެންނަ ނުފެންނަ" ވޯޓް ނެގުން މާދަމާ އޮންނާނެ އެވެ. މިއީ 2007 ވަނަ އަހަރުގެ ފަހުން ރައްޔިތުންގެ މެދުގަައި މިފަދަ ވޯޓެއް ނެގޭ ފުރަތަމަ ފަހަރެވެ.
ޤާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން ގެނެސްފައިވާ އިސްލާހުތައް ތަސްދީޤު ކުރެއްވުމުގެ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ އިސްލާހާއިމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފަ އެވެ. އެ ވޯޓަށް މިހާރު މިވަނީ ވަގުތު ކުޑަތަންވެފަ އެވެ.
ވޯޓްގެ ކުރީން ވިސްނާލަން މުހިންމު ކަންކަން ޤާނޫނީ ދާއިރާގެ ބޭފުޅުންނާއި ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ވިދާޅުވެ ދެއްވާފަ އެވެ. އެ ވާހަކަތަކުގެ ތެރެއިން ބުދަ ދުވަހުގެ ރޭ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅު ފާހަގަކުރެވެ އެވެ.
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވަނީ
އެ ރޭގެ ޖަލްސާގައި އެމަނިކުފާާނު ވަނީ ވޯޓްގެ ކުރީން ވިސްނާލަން ޖެހޭ މުހިންމު ކަންކަން ފާހަގަ ކުރައްވާފަ އެވެ. ވޯޓްގައި "އާނއެކޭ" ބުނަން ޖެހޭ ސަބަބުތައް ވަރަށް ތިލަކޮށް އެހާމެ ތަފްސީލުކޮށް ވިދާޅުވެ ދެއްވި އެވެ. ޤައުމާއި ރައްޔިތުންނަށް އެކަމުން އޮތް ފައިދާތައް ބަޔާން ކޮށްދެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓްގައި އެކަމަށް "ފެންނަ" ކަމަށް ވޯޓްދޭން ޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ފައިދާ އޮތުމުންނެވެ. މިހާރު އޮތްގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމުގައި ވިދާޅުވި އެވެ. އެއީ ހުރިހާ ރައްޔިތުން ޤަބޫލުކުރާ ޙަޤީޤަތެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އެރޭ ވެސް ތަކުރާރު ކުރައްވާ ވިދާޅުވީ "ފެންނަ ނުފެންނަ" ވޯޓަކީ ސިޔާސީ ވިސްނުން އިސްކޮށް ގޮތް ނިންމަން ޖެހޭ ވޯޓެއް ނޫން ކަމަށެވެ.
މި ޖަލްސާގައި ރައީސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފަ އެވެ. އެންމެ މުހިންމު އެއް ކަމަކަށް ފާހަގަ ކުރެއްވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަަކަށް މަގުފަހިވުމެވެ.
ރައީސް ވިދާޅުވީ އެގޮތަށް އިންތިޚާބުތައް ބާއްވަން ފެށުމުން ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލު ކުރެވޭނެ ކަމަށެވެ. އަދި އެ ބަދަލާއެކު ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެފަދަ ވޯޓަކަށް ދާން އެމަނިކުފާނު ނިންމެވީ ޤައުމަށް ލިބިދާނެ ކޮންމެ ގެއްލުމަކުން ސަލާމަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ. ދެ އިންތިޚާބު ވަކީން އޮންނަ ޙާލަތުގައި ޤައުމަށް ހެޔޮ ނޭދޭ ބަޔަކު މަޖިލީހުގައި ތިބުމުން ކަންކަން ވެގެންދިޔަ ގޮތް އޮތީ ފެނިފައި ކަމަށާ އެކަންކަން ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވަނީ ޤައުމީ ވިސްނުމުގައި އެ ވޯޓްގައި ގޮތް ނިންމެވުމަށް އެދިވަޑައިގެންފަ އެވެ.
"މިއިން ކޮންމެ ކަމެއްގައި ވެސް މި އިސްކުރަނީ ރައްޔިތުންނާއި ޤައުމު," ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިފަދަ ވޯޓެއް ނަގާތީ ވަރަށް ގިނަ ބަޔަކު އެމަނިކުފާނާއި ސުވާލު ކުރައްވަ އެވެ. މި ވޯޓުން ލިބޭނެ ސިޔާސީ ފައިދާއެއް ނެތްއިރު އެފަދަ ވޯޓެއް ނަގަނީ ކީއްކުރަންތޯ ސުވާލު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަންފާ ލިބޭނެ ގޮތް ބައްލަވައިގެން ކަންކުރައްވާނެ ބޭފުޅެއް ނޫނެވެ. މީގެ ކުރީން ނިންމެވި ހުރިހާ ނިންމެވުމަކީ ވެސް އެފަދަ ވިސްނުމެއް ނެތި ނިންމަވާފައިވާ ނިންމެވުންތައް ކަމުގައި ވިދާޅުވި އެވެ. އެހެން ނޫންނަމަ ވޭޕް މަނާކޮށް ދުންފަތުގެ ޤާނޫނާއި އެފަދަ ބަދަލުތައް ނުގެންނެވީސް ކަމުގައި ވިދާޅުވި އެވެ.
އެހެން ކަމުން ރައީސް ވަނީ ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ދެއްވުމަށް ވޯޓް ދެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ވަނީ ކައުންސިލް އިންތިޚާބު ދޫކޮށްލާ "ފެންނަ ނުފެންނަ" ވޯޓަށް ފޯކަސް ކޮށްގެން މުޅި އިދިކޮޅުން މިއަދު ރެއާއި ދުވާލު މަސައްކަތް ކުރަނީ އެ ބަދަލުތައް ރާއްޖެއަށް ގެންނަން ބޭނުންނުވާތީ ކަމަށެވެ.
މިއީ މާދަމާގެ ވޯޓަށް ނިކުމެ ފާހަގަ ޖެހުމުގެ ކުރީން ކޮންމެހެން ވިސްނާލަން ޖެހޭ މުހިންމު ކަންކަމެވެ.